މިއަހަރުގެ ޝައުބާން މަހުގެ ފަހު ދުވަސްތައް ގުނަމުންދާއިރު، ރޯދަމަހާ ކުރިމަތިލުމަށްޓާކައި ދުނިޔޭގެ ހުރިހާ މުސްލިމުން ގެންދަނީ ތައްޔާރީތައް ވަމުންނެވެ. ރާއްޖޭގައި ވެސް ރޯދައިގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ވިޔަފާރިވެރިން އަންނަނީ ރޯދައަށް ބޭނުންވާނެ ސާމާނުން ބާޒާރު ފުރާލުމަށް މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރަކު ވެސް ރޯދަ މަހު ބާޒާރަށް އަންނަ ޑިމާންޑާއެކު ގިނަ ތަކެތި ހުސްވެ ބައެއް ބާވަތްތަކުގެ އަގު އެތައް ގުނައެއް އުފުލެ އެވެ.

ރޯދަ މަހަށް ތައްޔާރުވުމަށް ހުރިހާ މުސްލިމުންގެ ޝައުގުވެރިކަން ހުއްޓިފައިވާ އިރު، އެންމެ އާންމު އެއް ސުވާލަކަށް ވެފައި އޮންނަނީ ރޯދަ ހިފަން ފަށަން ޖެހޭ ދުވަހަކާ ބެހޭ ގޮތުން ކުރެވޭ ސުވާލެވެ. އިސްލާމީ ކަލަންޑަރުގެ އެހެން ހުރިހާ މަހެކޭ ވެސް އެއްފަދައިން ރޯދަ މަސް ވެސް ފެށެނީ ނިމޭ މަހުގެ 29 ވަން ދުވަހުގެ ރޭ ހަނދު ފެނިއްޖެ ނަމަ އެވެ. ކޮންމެ މަހެއްގެ ވެސް 29 ވަނަ ދުވަހުގެ ރޭ ހަނދު ބަލަން ދިއުމަކީ މުސްލިމުންނަށް ކުރްނަ ޖެހޭ ކަމެކެވެ. ޝައުބާން ނިމުމުން ރޯދައަށް ހަނދު ބެލުމަކީ އެހެން މަސްމަހާ ޚިލާފަށް ފަރުވާތެރިކަމާ އެކު ކުރާ ކަމެކެވެ.

ހަނދު ބެލުމާއި ރޯދަ މަސް ފެށޭ ދުވަސް ކަނޑައެޅުމުގައި ދުނިޔޭގެ އެކި ގައުމުތަކުން އަމަލު ކުރަނީ އެކި ގޮތަށެވެ. ބައެއް ގައުމުތަކުން ހަމައެކަނި އެ ގައުމަކަށް ހަނދު ފެނުމާއި ނުފެނުމުގެ މައްޗަށް ބިނާކޮށް ރޯދަ މަސް ފަށާއިރު އެހެން ބައެއް ގައުމުތަކުން އެގައުމަކާ އަވަށްޓެރި މުސްލިމު ގައުމުތަކަށް ހަނދުފެނުމާއި ނުފެނުމުގެ މައްޗަށް ވެސް ބުރަވެ އެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު، ހަނދު ސާބިތު ކުރުމުގައި ފަލަކީ ހިސާބަށް ވަރަށް ބޮޑަށް ބުރަވާ ގޮތަށް އޮވެ އެވެ. ފަލަކީ ހިސާބުން ރާއްޖެއަށް ހަނދު ނުފެންނާނެ ކަމުގައި ބެލެވިފައި އޮންނަ ދުވަހަކު ހަނދު ފެނުނު ކަމުގައި ބަޔަކު ބުނި ކަމަށް ވިޔަސް އެވާހަކަ ބަލައެއް ނުގަނެވެ އެވެ. ހަމަ އެފަދައިން އިސްލާމީ އެހެން ގައުމަކަށް ވެސް ހަނދު ފެނުނު ކަމުގައި ރާއްޖެއިން ގަބޫލު ކުރަނީ ފަލަކީ ހިސާބުން ބަލާއިރު އެ ގައުމަކަށް ހަނދު ފެނުމުގެ ފުރުސަތު އޮތްކަމުގައި ދައްކާ ނަމަ އެވެ. އެ އުސޫލުން ބަލައި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިއްޖެކަން އިއުލާން ކޮށްފި ނަމަ ރާއްޖެއިން އެކަން ބަލައިގަނެ ރޯދަ ހިފަން ފަށާނެ އެވެ.

މި އަހަރުގެ ޝައުބާން މަސް ނިމެމުންދާއިރު ރޯދައަށް ހަނދު ބެލުމަށް މުސްލިމު ގިނަ ގައުމުތަކުން ނިކުންނާނީ މިމަހުގެ 10 ވާ އާދީއްތަ ދުވަހު އެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުގައި މުސްލިމް ގިނަ ގައުމުތަކަކަށް އާދީއްތަ ދުވަހުގެ ހަނދުއިރު އޮއްސޭއިރު، ފެންމަތީގައި ހުންނާނެ އެވެ. އެހެން ނަމަވެސް ފަލަކީ އިލްމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ ހަނދު މުސްލިމި ގައުމަކަށް ފެނުމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށެވެ. ބާރުގަދަ ޓެލެސްކޯޕަކުން ބަލައިގެން ހަނދު ފެނުމުގެ ފުރުސަތު ކެރީބިއަންގެ ބައެއް ހިސާބުތަކަށާއި ދެކުނު އެމެރިކާގެ ބައެއް ހިސާބުތަކަށް އޮންނާނެ ކަމަށް ބެލެވޭއިރު ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަވާއީގެ އިރުމަތީ ބިތުގެ ބައެއް ހިސާބުތަކަށެވެ. އެހިސާބަށް ވެސް ހަނދު ފެނުމުގެ ފުރުސަތު އޮންނާނީ އުޑުމަތި އާދަޔާ ޚިލާފަށް ސާފުނަމަ އެވެ.

އާންމު ގޮތެއްގައި އިސްލާމީ ގައުމުތައް ހިމެނޭ މެދުއިރުމައްޗާއި އޭޝިޔާއަށާއި އެފްރިކާގެ ހިސާބުތަކަށް އާދީއްތަ ދުވަހުގެ ހަނދު ފެންނާނެ ކަމަށް ނުބެލެވެ އެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި ހޯމަ ދުވަހު ނިއުޒީލޭންޑް ފިޔަވައި ދުނިޔޭގެ ބޮޑު ބަޔަކަށް ހުޅެވި ހަނދު ފެނުމުގެ ފުރުސަތު އޮންނާނެ އެވެ. ނިއުޒީލޭންޑަށް ހަނދު ފެންނާނީ އަންގާރަ ދުވަހު އެވެ.

ފަލަކީ އިލްމުވެރިންގެ ދިރާސާއަށާއި ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު މިއަހަރުގެ ރޯދަމަސް ރާއްޖޭގައި ފަށާނެ ކަމަށް ބެލެވެނީ މާޗް 12 ވާ އަންގާރަ ދުވަހު އެވެ. ނަމަވެސް ރާއްޖޭގެ ކަލަންޑަރުގައި ރޯދަ މަސް ފެށޭނެ ކަމަށް ބަލާފައި އޮތް ދުވަހަކީ ހޯމަ ދުވަހެވެ.