މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 123 މީހުންނާއި 60 ޕްރޮކްސީ ހޯލްޑަރުން މިރޭގެ ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 83 ޕަސެންޓުގެ ވޯޓުންނެވެ.

ހިއްސާއަކަށް 3.27ރ. ގެ މަގުން 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ބަހާނެ އެވެ.

އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 23 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2022 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.04ރ. އެވެ.

މިރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 940،620ރ. ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އުރީދޫއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 125 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 560 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އުރީދޫ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ވެސް ދެމުން އަންނަ ކުންފުންޏެކެވެ.