ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒަށްފަހު ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި މިދުވަސްވަރު ބާރު ސްޕީޑުގައި ކޮވިޑް ފެތުރެމުންދާތީ، އާއްމުންގެ މީހަކު ޓުވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މިހާރު ޖަހަމުން އަންނަ ވެކްސިންގެ މަންފާ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ދެ ވަނަ ޑޯޒަށްފަހު ބޮޑު ތަނުން ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެކްސިންގެ މަންފާ ފެންނަން ދުވަސްކޮޅެއްނަގާނެ 2 ވަނަޑޯޒަށްފަހު ބޮޑު ތަނުން ފެންނާނެ ان شاء الله،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް ވަނީ 25،324 މީހަކަށް ވެކްސިން ދީފަ އެވެ. އަދި އިތުރު 186 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވަނީ ބަލި ފެތުރުން މަދުވާން ފަށައިފަ އެވެ. ރާއްޖޭގައި ވެސް ވެކްސިންގެ ދެވަނަ ޑޯޒު އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގިނަ ބަޔަކަށް ދޭން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެ އެވެ.