ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމުގެ މަސައްކަތް އަވަހަށް ނިންމަން ބާރު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ހަލީމާ ޝާހިޔާ ކުރި ސުވާލަކީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީހަކާ މެދުގަ އެވެ. އަދި ރޯދަ މަހު ވަރަށް ދިގު ކިއުތައް ލިފްޓް ކައިރީގައި އޮންނަ ކަން އޭނާ ފާހަގަ ކުރި އެވެ.
ހިޔާ ފްލެޓުގައި އިތުރު ލިފްޓް ހަރު ކުރަން މި ސަރުކާރުން ހަވާލު ކުރީ ޗައިނާގެ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ އެވެ. މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ޖުމްލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެއީ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓެވެ. ކޮންމެ ޓަވަރެއްގައި ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެކެވެ.
ހަލީމާ ކުރި ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ލިފްޓް ހަރު ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް ބަޔަކާ އެކީގައި އެގްރީމަންޓް ހެދިފައިވާ ކަމަށެވެ. އަދި މިހާރު ޑީޓެއިލް ޑިޒައިނިން މަސައްކަތް ކުރިއަށްދާ އިރުގައި އަންނަ މަހުގެ ތެރޭގައި ޗައިނާ ކުންފުނިން އަމަލީ މަސައްކަތް ފެށުމަށް ހިޔާ ފްލެޓް ސަރަހައްދަށް ގޮސް މޮބިލައިޒް ކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ބާރު އަޅާނަން ވީހާވެސް އަވަހަށް އަމަލީ މަސައްކަތަށް ދާން. މިހާރު ޑިޒައިނިން މަސައްކަތް ނިމެނީ. ދެން އެޑްވާންސް ޕޭމަންޓް ސަރުކާރުން ވަރަށް އަވަހަށް ދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްބަސްވުން އޮންނަ ގޮތުން ފައިސާ ދޭތާ އެއް މަސް ދުވަހުގެ ތެރޭގައި މޮބަލައިޒް ކުރަން ޖެހޭނެ ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ވަރަށް ބޮޑަށް ބާރު އަޅާނަން އެކަން އެއަށް ވުރެ އަވަހަށް ފަށަން. ދެން އެގްރީމަންޓް އޮންނަނީ އަމަލީ މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ހަރުކޮށް ނިންމަން. މިއީ ވަރަށް ބައިވަރު ލިފްޓު. ކޮންމެ ފްލެޓެއްގައި ދެ ލިފްޓު. އެހެން ނަމަވެސް އެއަށް ވުރެ ކުރިން ނިންމަން ސަރުކާރުން ވަރަށް ބާރު އަޅާނަން،" ރައީސް ވިދާޅުވި އެވެ.