ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކުތަކުގެ މަތިން ދޫކޮށްފައި ހުރުމުން އެ ރިލޮކޭޓް ނުކޮށް ގޯތިތައް ހަވާލު ކުރަން އުނދަގޫ ވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ތެރެއިން ފެނާއި ނަރުދަމާ އަދި ކަރަންޓު ނެޓްވޯކްތަކުގެ މަތިން ދޫކޮށްފައިވާ ޕްލޮޓްތައް ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަކީ ކޮބައިކަން ބަލައި ރައްޔިތުންނަށް ޕްލޮޓު ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން ދަނީ ކުރަމުންނެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖް ވިދާޅުވީ ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރުމުގެ މަސައްކަތްކޮށް އިން ފާރު ރޭނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެޗްޑީސީ އަށް ދިމާވެފައިވާ ބައެއް ހުރަސްތަކާ ގުޅިގެން ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ލަސްކަމެއް އެބައުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަ ފެނިވަޑައިގަންނަވަނީ ފެނާއި ނަރުދަމާ ނިޒާމުގެ ސާވިސް ލައިން ގޯތި ތެރެއަށް އަރާފައިވާ މަންޒަރު. ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކް އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައި ވަނީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަ ޖެހޭ މި ނެޓްވޯކްތައް ގޯތިތަކަށް ނާރާނެ ގޮތަށް ރީލޮކޭޓް ކުރަން،" އެޗްޑީސީން އާންމު ކުރި ވީޑިއޯއެއްގައި ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އެކަމުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށެވެ. މި ނެޓްވޯކްތަކާ ގުޅިފައިވާ އާންމު ހިދުމަތްތަކަށް ބުރޫ ނާރާނެ ހެން ރޭވުންތެރިކަމާ އެކީގައި ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ އެ ސަރަހައްދުން ދޫކޮށްފައިވާ ބިން ހަވާލު ކުރުމަކީ ވަރަށް ދަތިކަމެއް ކަމުގައި ސިރާޖު ވިދާޅުވި އެވެ.

"އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި ގޮންޖެހުންތައް ހައްލުކޮށް ގޯތީގެ ވެރިންނާ ބިން ހަވާލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ސިރާޖު ވިދާޅުވި އެވެ.