ރާއްޖެއައި ޕާކިސްތާނުގެ މީހެއްގެ ލަގެޖުން 5.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތި އަތުލައިގަނެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު، ގަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެ މީހާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 5.30 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.