ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑި 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

އިސްލާމިކް މިިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ގަރާރުގައި ބުނެފައި ވަނީ ހެނދުނު 7:30ގައި މިހާރު ކުރަމުން އަންނަ އީދު ނަމާދު މި ފަަހަރުގެ ކުޑަ އީދު ނަމާދުން ފެށިގެން ދެން ކުރާނީ ހެނދުނު 7 ޖަހާއިރު ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާ ގަޑިއަކީ ހެނދުނު 7:30 އެވެ. އީދު ނަމާދު ކުރާ ގަޑިއަކީ ހޫނުގަދަ ގަޑިައެއް ކަމަށް ދޭހަވާ ގޮތަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފަ އެވެ.

މިނިސްޓަރު ޝަހީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވެސް އެކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގައި އާއްމުކޮށް އީދު ނަމާދު ކުރަނީ ހުސްބިންތަކުގައި ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"ޢީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީ" މިނިސްޓްރީގެ ގަރާރުގައި ވަގުތު ބަދަލުކުރި ސަބަބު ތަފުސީލު ކުރަމުން ލިޔެފައިވެ އެވެ.

އަދި، ރަސޫލާގެ ސުންނަތުން ސާބިތުވާގޮތުން އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގައިކަން ފެންނަން އޮތުމާއެކު ނަމާދުގެ ޖަމާއަތް ފެށޭގަޑިއަކީ 7:00 ގައި ކަމަށް މިއަދުން ފެށިގެން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށްވެސް އެ ގަރާރުގައި ވެ އެވެ.

އެ ނިންމުން ނިންމީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް މިނިސްޓްރީގެ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށްވެސް ގަރާރުގައި ބުންޏެވެ.