ކުޑަކުދިން "ސްލީޕް އޯވާ" އަށް ފޮނުވުމަކީ ގިނަ ބެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ކުޑަކުދިންގެ ހެދިބޮޑުވުން ދިރާސާ ކުރައްވާ ބޭފުޅުން ދިވާޅުވާގޮތުގައި "ސްލީޕް އޯވާ" ނުވަތަ ރޭގަނޑު ނިދާ ގޮތަށް ގޭގެއަށް ހުންނަށް ފޮނުވުމަކީ ކުދިންގެ ހެދި ބޮޑުވުމަށް މުހިންމު ކަމެކެވެ.
އަމިއްލަ ގޭގައި ކަންތައް ކުރާ ގޮތާއި އެހެން މާހައުލުތަކުގައި ކަންތައް އޮންނަ ގޮތް ތަޖުރިބާ ކޮށްލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ބެލެނިވެރިންނާ ދުރުގައި، މިނިވަން ޖައްވެއްގައި ކަންކަން ދަސްކޮށްލުމަށް ލިބޭ ބާރެކެވެ.
ނަމަވެސް "ސްލީޕް އޯވާ"އަށް ފޮނުވުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން ހުރެ އެވެ. ފުރަތަމަ ކަމަކަށް ގޭގެއަށް ފޮނުވާއިރު އެގެއެއްގައި ދިރިއުޅޭ މީހުން ދެނެގަތުމަކީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ރައްޓެހި ކުއްޖާގެ ބެލެނިވެރިންނަކީ އެބައެއްގެ މިޒާޖު ދަންނަ އިތުބާރު ކުރެވޭ ބަޔަކަށް ވާންވާނެ އެވެ. އޭގެ އިތުރުން އެގެއެއްގައި ދިރިއުޅޭ އެހެން މީހުން ވަކިވަކިން ދެނެގަންނަން ވާނެ އެވެ. އެއީ އެމީހުންނަކީ ތިމާގެ ދަރިފުޅު އާ އެގެއިން ބައްދަލުވާނެ އަދި އެބައެއްގެ ނުފޫޒު ފޯރަފާނެ ފަދަ މީހުން ކަމުގައި ވާނެތީ އެވެ. ހިތްހަމަނުޖެހޭ ކަމެއް ހުރިނަމަ "ސްލީޕް އޯވާ" ކެންސަލް ކޮށްލާށެވެ. ނޫނީ އެހެން ފަހަރަކަށް ބަދަލު ކޮށްލާށެވެ.
ދެވަނަ ކަމަކަށް އެވަގުތަކީ "ސްލީޕްއޯވާ" އަށް ފޮނުވަން އެންމެ ރަނގަޅު ވަގުތުތޯ ބަލާލުން މުހިންމެވެ. އެއީ ހެދިބޮޑުވުމުގައި އެކި ކުދިން ތަފާތު ވާތީ އެވެ. ރައްޓެހިންގެ ފަރާތުން އެކަމަށް ބާރުއެޅި ނަމަވެސް ބައެއް ކުދިން ނުދަންނަ ތަންތަނަށް ގޮސް ނިދުމަކީ ހިތް ނުތަނަވަސް ކުރުވާކަމެކެވެ. ވީމާ "ސްލީޕް އޯވާ" އަށް ފޮނުވުމުގެ ކުރިން އެކަމަކީ އުމުރާއި މިޒާޖާ ގުޅޭ ކަމަކަށްވުން މުހިންމެވެ.
މީގެ އިތުރުން އިންޓަނެޓް ބޭނުންކުރުން، ފިލްމެއް ބެލުން، ވަކި ކަހަލަ ގޭމެއް ކުޅުމާ ދެކޮޅު ނަމަ އެކަން ނުކުރުމަށް އަންގައި ޔަގީން ކުރުމަކީ ވެސް ބީރައްޓެހި މާހައުލުތަކުން ނޭދެވޭ ކަންކަން ތައާރަފުވުން ހުއްޓުވައި "ސްލީޕް އޯވާ" އިން ލިބެންވާ ފުރިހަމަ މަންފާ ލިބުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.