މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް ބޮޑު އަގުގައި އެއާ ކޮންޑިޝަން (އޭސީ) ޔުނިޓްތަކެއް ގަތް މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް އަބްދުލްވައްހާބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީން މައުލޫމާތު ދޭ ގޮތުގައި މ. ރީފްވިލާ، މުހައްމަދު ޖުނައިދާއި، މ. ހިލްއިންދަގާޑެން، އަބްދުލްވައްހާބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އޭސީ ޔުނިޓް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެކެވެ.
އޭސީސީން ފާހަގަކުރި ގޮތުގައި މި ތަކެތި ގަނެފައި ވަނީ އޭރު ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރަން ޖެހޭ ސްޓްރެޓެޖީއާއި ގަވާއިދާ ހިލާފަށެވެ. އެގޮތުން އާންމުކޮށް އިއުލާންކުރުމެއްނެތި އަދި ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެފަދަ މަސައްކަތެއްގެ ތަޖުރިބާ ނެތް އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން މި ތަކެތި ގަނެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މީގެއިތުރުން އެއީ ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް ވިޔަފާރިއެއް ކަމަށާއި، މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި ޖުމްލަ 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ އެކަމަށް ހަރަދުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވަން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. މީގެއިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ ވެސް ހިމެނެ އެވެ.
ސްޓްރެސް ވުމުން "ބަނޑު ސަކަރާތް" ވަނީ ކީއްވެ؟
އީޝާގެ ލީގަލް ޓީމުން ވަކީލް ފަރީދު ވަކިކޮށްފި
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!