މިއީ ބޮލީވުޑްގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް އުފާވެރި ހަބަރަކަށް ވާނެ ކަން ޔަގީނެވެ.

ޝާހުރުކް ހާންގެ ފިލްމް "ޕަތާން" ގެ ހާއްސަ ރޯލަކުން ސަލްމާން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް އައީ ބުނަމުންނެވެ. މިހާރު ޚުދު ސަލްމާން ވެސް މިވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

އެގޮތުން މިހަފްތާގެ ބިގް ބޮސްގެ "ވީކެންޑް ކާ ވާރް" ގައި ސަލްމާން ބުނެފައިވަނީ މިހާރު މި ކުރިއަށްދާ ބިގް ބޮސްގެ 14 ވަނަ ސީޒަން ނިމުމަށް ފަހު "ޕަތާން"ގެ ޝޫޓިން ފަށާނެ ކަމަށެވެ. އެއަށް ފަހު ބިގް ބޮސްގެ 15 ވަނަ ސީޒަންގެ ކުރިން "ޓައިގާ 3" އާއި "ކަބީ އީދް ކަބީ ދިވާލީ" ގެ ޝޫޓިން ފެށުމަށް ނިންމާފައިވާ ކަމަށް ސަލްމާން ބުންޏެވެ.

މީގެ ކުރިން އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ޕަތާން" ގައި ސަލްމާން ފެނިގެން ދާނީ ވަރުގަދަ އެކްޝަން މަންޒަރަކުންނެވެ. ޝާހުރުކް ހާން އާއި ދީޕިކާ ޕާޑުކޯންގެ އިތުރުން ޖޯން އަބްރަހަމް ވެސް ފެނިގެންދާ މި މަންޒަރު ނެގުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގަ އެވެ.