ކުރީގެ މިނިސްޓަރު ހުސެއިން ހިލްމީގެ ހިއްސާ އޮންނަ "ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ދަރަންޏެއް ނުދައްކައިގެން (ބީއޯސީ) އިން ވިއްކާލަން އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ހިލްމީއަކީ ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރެވެ.

އެ އިއުލާނުގައި ބުނީ، ސާބިތު ދަރަނީގެ މައްސަލައެއްގައި، ފަސް ތަރީގެ އެ ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުގެ މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުން ބޭންކަށް ލިބިފައިވާ ކަމަށެވެ.

ތެލު ވެލިގާ ރިސޯޓުގެ އެއް ހިއްސާދާރު ހުސެއިން ހިލްމީ.

އދ. އަތޮޅުގައި ހިންގާ މި ރިސޯޓް ވިއްކާލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 21.14 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 326 މިލިއަން ރުފިޔާ އެވެ. ބީއޯސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މި ރިސޯޓް ވިއްކާލަނީ އެ ބޭންކުން ނެގި ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.

މި ރިސޯޓް ވިއްކާލަނީ ސާބިތު ދަރަނީގެ މައްސަލާގަ އެވެ. އދ. އަތޮޅުގައި ހިންގާ އެ ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުން ވަނީ އެ ބޭންކްއަށް ލިބިފަ އެވެ.

ސިލޯން ބޭންކުން ބުނީ 30 ކޮޓަރީގެ އެ ރިސޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރަށް ކަމަށެވެ. އޭގެ ފަހުން ވެސް އިތުރު 49 އަހަރަށް ލީސްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުންޏެވެ.

މި ރިސޯޓް ގަންނަ ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކަނީ 2،000 ޑޮލަރަށެވެ. މި ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އޮންނައިރު ރިސޯޓް ގަންނަން ކުރިމަތިލާ ފަރާތްތަކުން 25،000 ޑޮލަރުގެ ޑިޕޮސިޓެއް ވެސް ޖެހެ އެވެ.

ބީއޯސީން ވިއްކާލަން އިއުލާންކޮށްފައިވާ ތެލު ވެލިގާ ރިސޯޓް.

ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ސާބިތު ދަރަނީގެ މައްސަލަތަކުގައި މީގެ ކުރިންވެސް ރިސޯޓްތައް ވިއްކާލާފައިވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހިލްމީގެ މައްޗަށް ފެބްރުއަރީ 2017 ގައި ހުކުމެއްކޮށްފައިވެ އެވެ.