ހުޅުމާލެ ފޭސް 3 ގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީން މިއަދު ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީ އާއި ސީއެމްސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 3 ގެ ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފުރިހަމަކޮށް، އެ ސަރަހައްދުގައި ގިގަބިޓް ޕެސިވް އޮޕްޓިކް ނެޓްވޯކް (ޖީޕޮން) ވެސް އަޅާނެ ކަމަށެވެ. މިއީ ފޯނާއި އިންޓަނެޓް ފަދަ ހިދުމަތްތައް ގޭގެއަށް ގުޅައިދިނުމަށް ބޭނުންކުރާ ނެޓްވޯކެވެ.

ހުޅުމާލެ ފޭސް 3 ގެ މަގުތައް ހެދުމަށް ވެސް މިއަދު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. އެޗްޑީސީން ބުނީ މަގުތައް ހަދާނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ގޮތަށް ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ރަސްމާލެ އާއި ކުރީގެ ސަރުކާރުން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ބިން ހިއްކާފައިވާ ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެސް ސީއެމްސީއާ އެވެ.