ދަރިވަރުންގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ދަތިވާ ހާލަތްތަކުގައި ގޭގައި ބައިތިއްބައިގެން ނުވަތަ 'ހޯމްސްކޫލިން' މެދުވެރިކޮށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީ އެކުލެވޭ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވާފަ އެވެ.
މިހާރު އަމަލުކުރަމުންދާ ތައުލީމާ ބެހޭ ގާނޫނުގައިވާ ގޮތުން، އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ޕްރީސްކޫލުން ފެށިގެން ސާނަވީ ތައުލީމު ހާސިލުކުރުން މަޖުބޫރުވާނެ އެވެ. އަދި އެ މަރުހަލާތަކުގައި ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ މައްޗަށް ލާޒިމުކަމެކެވެ. ނަމަވެސް، ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ހާލަތްތަކުގައި އިސްތިސްނާއެއް ދިނުމުގެ ބާރު މިހާރު އޮންނަނީ އެޑިއުކޭޝަން މިނިސްޓަރަށެވެ.
ޑރ. އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުންނަ ގޮތުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމެއްގެ ދަށުން ވެސް އުނގެނުމަށް ނުކުޅެދޭ ހާލަތްތަކުގައި، އެއީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންގެ ތެރޭގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށެވެ.
މީގެއިތުރުން، އެފަދަ ހާލަތްތަކުގައި ވެސް ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ މިންވަރަކަށް އުނގަންނައިދިނުމުގެ މަސައްކަތް ބެލެނިވެރިން ކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުއްޖާގެ ހާލަތާއި ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި، ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ކަނޑައަޅާނެ ހާއްސަ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން އަވަހާރަވެއްޖެ
ޝަރުތުތަކަށް އެއްބަސްވާނަމަ ކަނޑުއޮޅި ހުޅުވަން ތައްޔާރު: އީރާން