މިދިޔަ މާޗު މަހު ގެނެސްދިން "އައިޝާ" ޑޮކިޔުމެންޓްރީގެ މައްސަލައިގައި "އަދަދު" ނޫހުގެ އޮފީހުން ފުލުހުން ގެންދިޔަ ޑިވައިސްތަކުގެ ތެރެއިން 4 މެކްބުކެއްގެ ޕާސްވޯޑު ދިނުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އަދަދު ނޫހުން ބުނި ގޮތުގައި އެ މެކްބުކްތަކުން ޑޭޓާ އެކްސްޓްރެކްޓް ކުރަން ވާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށް ކޯޓުގެ އަމުރުގައި ވެ އެވެ.

އެ ތަކެއްޗަކީ ނޫސްވެރިކަމާ ގުޅުންހުރި ތަނެއް ބަލައި ފާސްކޮށް ގެންގޮސްފައިވާ ތަކެތި ކަމަށްވާތީ، އެއީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ. އެހެންކަމުން އެ ތަކެތިން އެކްސްޓްރެކްޓްކުރާ މައުލޫމާތުގެ ސިއްރު ހިފަހައްޓައި، އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

އަދަދުން ގެނެސްދިން ޑޮކިއުމެންޓަރީގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެ ނޫހުގެ ޑިޖިޓަލް އާލާތްތައް ގެންދިޔައީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. ކްރިމިނަލް ކޯޓުން އޭރު ވަނީ އެ ނޫހުގެ ޑިޖިޓަލް އާލާތްތަކުން މައުލޫމާތު ހޯދުމުގެ ހުއްދަ ފުލުހުންނަށް ދީފަ އެވެ.

"އައިޝާ" ޑޮކިޔުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.