މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރު ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2022 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 1.09 މިލިއަން ރުފިޔާ އެވެ.
މިދިޔަ 5 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10ގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު:
- 1441 ވަނަ އަހަރުގެ ރަމަޟާން މަހު: 1.53 މިލިއަން ރުފިޔާ
- 1442 ވަނަ އަހަރުގެ ރަމަޟާން މަހު: 9 ލައްކަ ރުފިޔާ
- 1443 ވަނަ އަހަރުގެ ރަމަޟާން މަހު: 1.09 މިލިއަން ރުފިޔާ
- 1444 ވަނަ އަހަރުގެ ރަމަޟާން މަހު: 1.39 މިލިއަން ރުފިޔާ
- 1445 ވަނަ އަހަރުގެ ރަމަޟާން މަހު: 1.59 މިލިއަން ރުފިޔާ
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 38،681 މީހުން ވަނީ ޒަކާތް ދައްކައިފަ އެވެ. އަދި ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.
އެގޮތުން 22،759 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެ އެވެ. އަދި 5,208 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 4,188 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފަ އެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެ އެވެ.
ޒަކާތު ހައުސްއިން ބުނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެ އިދާރާއިން ހަމަޖައްސާފައިވެ އެވެ.
ޒަކާތު ހައުސްއިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައިވެ އެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭން ޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާން މަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރު އެވެ.