އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދިއުމުގެ ކުރިން ރަސްމީ ހުއްދަ އޮތް ކަށަވަރުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސްކުރައްވާފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ވިދާޅުވީ އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ޖަމާއަތްތަކުގެ ލިސްޓް އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. ހަމަ އެހެންމެ، މި ލިސްޓް ގެޒެޓްގައި އާންމުކޮށްފައިވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.
އާންމުންނަށް ފެންނާނެހެން އާންމުކޮށްފައިވާ މި ލިސްޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް ޖުމްލަ 50 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ. އަދި މި ކުންފުނިތަކަށް ގުޅޭނެ ފޯން ނަމްބަރާއި، ހުއްދަ ހަމަވާ ތާރީޚް ވެސް މި ލިސްޓްގައި ވަނީ ހިމަނައިފަ އެވެ.
ހައްޖާއި، އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދާ އޮޅުވާލައިގެން މަސައްކަތްކުރާ ކުންފުނިތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. ހައްޖާއި އުމްރާއަށް ގެންގޮސްދިނުމުގެ ހިދުމަތް ދޭ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ފޮނުވި ޗެކުތަކެއް ބައުންސްވި މައްސަލައެއް ފެންމަތިވެ، އުމްރާވެރިންގެ ބަޔަކަށް ރާއްޖެ އެނބުރި ނާދެވި ދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.
އެ ގްރޫޕަށް ސްރީ ލަންކަން އެއާލައިންސް އާއި ގަތަރު އެއާވޭސްގެ ޓިކެޓު ވިއްކި ޓްރެވެލް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވަނީ މިކަން ސޯޝަލް މީޑިއާއަށް ތިލަކުރައްވައިފަ އެވެ.
ފިރާގު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތު ފައިސާ ދެއްކުމަށް އެ ގްރޫޕުން ދިން ޗެކުތައް ބައުންސްވެފައިވާ ކަމަށެވެ."ކުރިން ލަފާނުކުރެވޭ ދަތިތަކުގެ ސަބަބުން މާލެއަށް އެނބުރި އަންނަ ފްލައިޓަށް މިހާރު އިޝޫކޮށްފައިވާ ޓިކެޓުތައް ސަސްޕެންޑު ކުރުމުގެ އުނދަގޫ ނިންމުމެއް ނިންމަން އަޅުގަނޑުމެންނަށް މަޖުބޫރުވެއްޖެ،" ފިރާގު އިއްޔެ ލިޔުއްވާފައިވެ އެވެ.