ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައި ވަނިކޮށް މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ ކުރިން ކަމަށް ބެލެވިއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭގޮތުން އަޑުއެހުމެއް ބާއްވައި އަމުރު ނެރުނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ތާރީޚެއް ކަމަށް ލިޔެފައި ވަނީ 10 ފެބުރުއަރީ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ އަމުރުގައި އެފަދައިން ނުވަ ވަނަ ދުވަހުގެ ރޭ އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ޝަމީމް ވިދާޅުވިގޮތުގައި އަލީ ވަހީދު ފުރުމުގެ ޒިންމާ ނަގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނު ލިޔުމުގައި އޮތީ ފެބުރުއަރީ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ކަމަށެވެ.

އަލީ ވަހީދު ފުރުވާލަން އަމުރު ނެރުނު މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އަލީ ވަހީދު ފުރައިގެން ދިޔުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހިމޭނުން ތިއްބަވާކަމީ އެފަދަ ތުހުމަތުތަކަށް ބާރު ލިބޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.