ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަތީ، ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯ ހުރިއިރު، ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން އަތުލައިގެން މަސްތުވާތަކެތި.. ފޮޓޯ: ކަސްޓަމްސް

އެހެންކަމުން މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.3 ކިލޯ ހުރި ކަމަށާއި، އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ހާމަކުރެ އެވެ.