ރޯދަ މަސް ނިމެން ހަފްތާއަކަށްވެފައިވަނިކޮށް ބާޒާރުގައި ކަރަލުގެ އަގު އުފުލިއްޖެ އެވެ.
ރޯދަ މަހު ފަނި ގިރަން އެންމެ ޑިމާންޑް ބޮޑު ކަރާ ކިލޯއެއް މިއަދު ބާޒާރުގައި ލިބެން ހުރީ 25 ރުފިޔާ އާއި 30 ރުފިޔާ ދެމެދުގަ އެވެ. ކުރިއަށް މިއޮތް ދުވަސްތަކުގައި ވެސް ކަރާގެ އަގު ބޮޑުވާނޭކަމަށް ވިޔަފާރުވެރިންގެ އިތުރުން ދަނޑުވެރިން ބުނެއެވެ.
ކަރާގެ އަގު ފުލިގެންދާއިރު މިއަހަރު ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް ހުރި 15 ރުފިޔާ އަށެވެ.
ވިޔަފާރިވެރިން ބުނީ، ކަރާގެ އަގު އުފުލިފައި މިވަނީ ރާއްޖެއިން ބޭރުން ކަރާ ގެންނަ އަދަދު މަދުވުމުގެ ސަބަބުންނެވެ.
ރާއްޖޭގެ ބާޒާރަށް އާއްމުގޮތެއްގައި ކަރާ ގެންނަނީ އަވައްޓެރި އިންޑިއާއިންނެވެ.
ބާޒާރުގައި ލިބެން ހުރި އެހެންތަކެތީގެ އަގުތަކަށްބަލާއިރު ރޯދަ މަސް ފެށުނުއިރު 30 ރުފިޔާ އަށް ލިބެން ހުރި ކެރެޓް ކިލޯއެއް މިހާރު ލިބެން ހުރީ 60 ރުފިޔާ އަށެވެ.
މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ ކެރެޓް އަގު އުފުލިފައި ވަނީ އެތަކެތި މަދުވެ ޑިމާންޑް މަތިވެފައިވާތީ ކަމަށެވެ.
މާރުކޭޓުގެ ގޮޅިތަކުން ކުރުނބާއެއްގެ އަގު މިއަދު އުޅެނީ 40 ރުފިޔާ އާއި 70 ރުފިޔާ ދެމެދު އެވެ.
މީގެއިތުރުން ކިއުކަމްބާ ކިލޯއެއްގެ އަގު 60 ރުފިޔާ އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް ލިބެން ހުރީ 100 ރުފިޔާ އާއި 150 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ. އަދި މިއަދު ކަންކުން ދެ ބޮނޑި 15 ރުފިޔާ އަށް ހުރިއިރު، ކުރިން ކަންކުން ބޮނޑިއެއް ލިބެން ހުރީ 5 ރުފިޔާ އަށެވެ.
ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 15 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.
މޭވާގެ ބާވަތްތަކަށް ބަލާއިރު މިއަދު ވެސް އޮރެންޖާއި އާފަލު ލިބެން ހުރީ 6 ރުފިޔާ އާއި 7 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ޖުމްހޫރީ މޭވާ ކިލޯއެއް 120 ރުފިޔާ އާއި 130 ރުފިޔާއާ ދެމެދު ހުރިއިރު، ލުނބޯ ކިލޯއެއް ލިބެން ހުރީ 60 ރުފިޔާ އަށެވެ.