ޓޯކިޔޯ (14 ފެބްރުއަރީ) - ފައިޒާ ކުންފުނިން އުފައްދާފައިވާ ވެކްސިން ޖަޕާނުގައި ވެސް ބޭނުންކުރުމުގެ ހުއްދަ ދީފި އެވެ.
ޖަޕާނުގެ ހެލްތް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި ފައިޒާ ކުންފުނީގެ ވެކްސިން އެގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ސަރުކާރުން މިކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕެނަލްއަކުން އެ ވެކްސިން ބޭނުންކުރުމަށް ފެހި ސިގްނަލް މިދިޔަ ހުކުރު ދުވަހު ދިނުމާއި ގުޅިގެންނެވެ.
ވެކްސިންގެ ރައްކާތެރިކާމާ ގުޅޭގޮތުން ޖަޕާނުގައި ކުރިއަށްގެންދިޔަ ޓެސްޓްތަކުން މި ވެކްސިން ބޭނުންކުރުމުގެ ސަބަބުން ބައްޔަށް ފަރުވާލިބޭކަމަށް ޔަގީންވެފައިވެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ޝުގާ ވިދާޅުވީ އަންނަ ހަފްތާގެ މެދުތެރޭގައި ވެކްސިން ދިނުމަށް ފެށޭނެ ކަމަށާއި އަދި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ 10،000 އެއްހާ ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި އެ ގައުމުގެ 126 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ވެކްސިން މިއަހަރުގެ މެދުތެރޭގައި ލިބޭނެ ކަމަށް ޖަޕާނުން އުންމީދުކުރެ އެވެ.
ޖަޕާނުގައި ކޮވިޑްގެ ތިންވަނަ ރާޅާއެކު އަދިވެސް އެގައުމުގެ ގިނަ ސްޓޭޓްތަކެއްގައި ވަނީ ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކޮށްފަ އެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ފާއިތުވެދިޔަ ހަފްތާތަކުގައި ކޮވިޑް ކޭސްތައް ވަނީ މަދުވާން ފަށާފަ އެވެ.
ޖަޕާނުގައި ކޮވިޑް ވެކްސިން ޖަހަން ފެށުމަކީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 23ގަ އެވެ.
ޖަޕާނުން ވަނީ 410،000 އެއްހާ ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މި ރޯގާޖެހިގެން އެގައުމުން ވަނީ 6772 މީހުން މަރުވެފަ އެވެ. – ސީއެންބީސީ