ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ މި ދުނިޔެ މަތިން އެންމެ ލޯބިވާ މީހަކީ އޭނާގެ ބައްޕަ- ޑރ. އަޝޯކް ޗޯޕްރާ އެވެ.

ކެންސަރު ބަލީގެ ޝިކާރައަކަށް ޕްރިޔަންކާގެ ބައްޕަ ޑރ. އަޝޯކް ޗޯޕްރާވުމުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނީ ޕްރިޔަންކާގެ ކޯ-ސްޓާރެކެވެ.

ދާދި ފަހުން ޕްރިޔަންކާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ނެރުނު ފޮތުގައި އޭނާ ވަނީ ބައްޕަގެ ފަރުވާގެ ކަންކަމުގައި ރިތިކް ވެދީފައިވާ އެހީތެރިކަން ފާހަގަކޮށް އެކަމާގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ދަންނަ މީހުންނާއި ކަނެކްޝަންތައް ބޭނުންކޮށްގެން ޕްރިޔަންކާގެ ބައްޕައަށް އެންމެ ރަނގަޅު ފަރުވާ ހޯދޭނެ މަގުފަހި ކުރުމަށް ރިތިކް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ވަގުތުން އެއާ އިންޑިއާގެ ފްލައިޓެއް ހަމަޖައްސާ، ޕްރިޔަންކާގެ ބައްޕަ ލަންޑަނަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިން ކަމަށް ޕްރިޔަންކާ ލިޔެފައިވެ އެވެ.

"ރިތިކް އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ބާރުގަދަ ފަންނާނެއް. އޭނާ ވަނީ އޭނާގެ ކަނެކްޝަން ބޭނުންކޮށްގެން ބައްޕަ ލަންޑަނަށް ފުރުވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި. ރިތިކް އާއި ރިތިކްގެ ބައްޕަ ރާކޭޝް ސާ އަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ. އެ އެހީތެރިކަމަކީ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނަ ކަމެއް،" ޕްރިޔަންކާ ލިޔެފައިވެ އެވެ.