މޯލްޑިވިއަން އިން "ތުރޫފެއާ" ތައާރަފުކޮށް، އެ އެއާލައިނުން އުދުހޭ ބައިނަލްއަގުވާމީ ތިން މަންޒިލަކާ، ރާއްޖޭގައި އުދުހޭ 16 މަންޒިލް ގުޅުވާލައިފި އެވެ.

ގައުމީ އެއާލައިނުން އިއްޔެ ތައާރަފުކުރި ތުރޫފެއާ މެދުވެރިކޮށް މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރު އަދި ސްރީ ލަންކާގެ ކޮލަމްބޯއަށް ކުރާ ދަތުރުގެ ބުކިންގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ މަންޒިލްތަކުގެ ތެރެއިން މޯލްޑިވިއަން އިން ދަތުުރުކުރާ ކޮންމެ މަންޒިލަކަށް ވެސް ޓިކެޓް ބުކިން ހެދޭނެ އެވެ. މިއާ އެކު ސިންގަލް އައިޓިނަރީއެއްގެ ގޮތުގައި ފަސިންޖަރުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބުކިން ހެއްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިއީ ވަކިވަކި ޓިކެޓު ބުކްކުރަން ހޭދަވާ ވަގުތު ސަލާމަތްކޮށްދޭނެ ކަމެކެވެ.

މިސާލަކަށް ސ. ގަމުން މާލެއަށް ދަތުރުކުރަން ހަދާ ބުކިންގެ ތެރޭގައި އެ ކަސްޓަމަރު މޯލްޑިވިއަންގައި މާލޭން ކޮލަމްބޯއަށް ދަތުުކުރަން ހައްދާ ބުކިން ވެސް ހިމެނޭނެ އެވެ.

މޯލްޑިވިއަންއިން ބުނީ ތުރޫފެއާ ބުކިން ހައްދާ ކަސްޓަމަރުންނަށް ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި އިންޓަނޭޝަނަލް ދަތުރުގައި ލިބޭ މިންވަރަށް ޑޮމެސްޓިކް ދަތުރަށް ވެސް ބެގޭޖު އެލަވެންސް ލިބޭނެ ކަމަށެވެ.

އެ އެއާލައިނުން ބުނީ ކުރިއަށް އޮތް ތަނުގައި ޓްރެވިންޑްރަމް އާއި ކޮޗިން ދަތުރުތަކަށް ވެސް ތުރޫފެއާ ތައާރަފު ކުރާނެ ކަމަށެވެ. އަދި އެ އެއާލައިނުގެ އެޕްލިކޭޝަން، ވެބްސައިޓު އަދި ސޭލްސް އެޖެންޓުންނާއި ޓިކެޓިން އޮފީހުން ވެސް ތުރޫފެއާ ބުކް ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.