އިއްޔެ ފާހަގަކުރި ލޯބިވެރިންގެ ދުވަހާއެކު ދައްކަން އޮތީ ބޮލީވުޑްގެ އެންމެ ޒުވާން، އާ ޖޯޑުގެ ވާހަކަ އެވެ. އެއީ ކާތިކް އާރިޔަން އާއި ޖާންވީ ކަޕޫރެވެ.

ކާތިކް ވަނީ ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ޗޮކްލެޓަކާއެކު ވަރަށް ރީތި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ޗޮކްލެޓްގެ އިސްތިހާރުގައި ވާ ފަދައިން ކާތިކް ލިޔެފައިވަނީ "ލޯތްބަށްޓަކާ ކިހާ ދުރަކަށް ދާނަން؟" މިހެންނެވެ.

މި ފޮޓޯއާއި ކެޕްޝަނާއެކު އޭނާގެ ލޯބިވެރިޔާ ރަކިވާނެކަން ގައިމެވެ. އެގޮތުން މި ފޮޓޯއަށް ޖާންވީކުރި ކޮމެންޓްގައިވާ ފިޔާތޮށި ކުލައިގެ ހިތަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.

ޖާންވީ އާއި ކާތިކް އެކުގައި ޗުއްޓީ ހޭދަކުރުމަށް ގޯއާ އަށް ދިޔަ ދަތުރުގެ ފޮޓޯތައް ލީކުވުމާއެކު މި ދެތަރިން ލޯބީގެ ގޮތުން ގުޅޭކަމުގެ އަޑު ގަދަވި އެވެ. އެއާއެކު މީޑިއާތަކާއި ފޭނުން ދަނީ އެ ދެމީހުންގެ ކޮންމެ ހަރަކާތަކަށް ފާރަލަމުންނެވެ. މިހާރު އެންމެންވެސް އިންތިޒާރުކުރަނީ މި ދެތަރިން އެމީހުންގެ "ބޮޑު ސިއްރު" އާންމުންނަށް ހާމަކުރާނެ ދުވަހަކަށެވެ.

ކާތިކް އާރިޔަން މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސާރާ އަލީ ހާންއާ އެވެ. އެ ގުޅުން ނިމުމަކަށް އައިސް މިހާރު އެ ދެތަރިން ވަނީ ސޯޝަލް މީޑިއާއިން އެކަކު އަނެކަކު އަންފޮލޯ ވެސް ކޮށްފަ އެވެ.