ރާއްޖެ އަށް މިރޭ ހަނދު ނުފެންނާނެތީ މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ. އަދި މާދަމާ ރޯދަ ހިފަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ މި ވާހަކަފުޅާ ގުޅިގެން ފިތުރު އީދު ވާނީ އަންނަ ބުދަ ދުވަހަށެވެ. މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ވެސް ފިތުރު އީދު ދުވަސް ވަނީ ބުދަ ދުވަހަށެވެ.

މި އަހަރު ފިތުރު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މާލެ ސިޓީގައި އީދު ފާހަގަ ކުރުމުގެ ފެން ކުޅި ކުޅުމާއި މާލި ޕެރޭޑާއި ސްޓޭޖް ޝޯ އަދި ހަވާ އެރުވުން ވެސް އޮންނާނެ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ހިންގުމަށް ރާވާފައިވެ އެވެ.

މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ބުނެފައެވެ. ޝައްވާލު މަހު ހަނދު ފެނޭތޯ ބެލުމަށް ސައުދީ އަރަބިއްޔާގައި އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަަރީތަކުގައި ދުރުމި ބަހައްޓައިގެން ހަނދުމުގެ ފެނޭތޯ ނުޖޫމީ އިލްމުވެރިން އަންނަނީ ބަލަމުންނެވެ.

ހަނދު ބެލުމަކީ ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ.

ރާއްޖޭގައި ވެސް ހަނދު ބެލުން މިއަދު އިރުއޮއްސޭހާއިރު އޮންނާނެއެވެ. އަދި ހަނދާ ބެހޭ ގޮތުން ނިންމާ ގޮތެއް މިރޭ އިއުލާން ކުރާނެ އެވެ.