ގިނަ މޭވާތަކަކީ ދުވަސްވެ ހަރުވުމުން ވެސް އޭގެން ލިބޭ ފައިދާއަށް ބަދަލު ނާންނަ އެއްޗެއްސެވެ.

މިސާލަކަށް ބުނާ ނަމަ ޑްރައިޑް ފުރުޓްސް (ހިކިމޭވާ) އަކީ އޭގެ ގިނަ އަދަދަކަށް ވިޓަމިންސް ހިމެނޭ އެއްޗެކެވެ.

ނަމަވެސް މިކަމުގައި ކުރުނބާ ތަފާތެވެ. ކުރުނބާ ގިނަ ދުވަސްވެ، ކާއްޓަށް ބަދަލުވުމުން އޭގެން ލިބޭ ފައިދާ ކުޑަވެ އެވެ. ކުރުނބާގެ އެންމެ ފައިދާހުރި މަރުހަލާއަކީ ކާއްޓަށް ބަދަލުނުވެ، ޅަކޮށް ހުންނަ މަރުހަލާ އެވެ. ޅަ ކުރުނބާގައި ކުޑަ ފޮނިކަމަކާއި ގިނަ އަދަދަކަށް ފެން ހުރުމުން ކަރުހިއްކުމަށާއި ބަލީގެ ސަބަބުންނާއި، އަދި ހޫނުގެ ސަބަބުން ހަށިގަނޑުން ގެއްލޭ ފެން ލިއްބައިދިނުމަށް ކާއްޓަށް ވުރެ ކުރުނބާ މާ ރަނގަޅެވެ.

ކުރުނބާ ފެނުގައި ހަށިގަނޑަށް މުހިންމު މާއްދާތައް ކަމަށްވާ ޕޮޓޭސިއަމް، ސޯޑިއަމް، އަދި މެގްނީޒިއަމް ގިނަ އަދަދަކަށް ހިމެނެ އެވެ. ކާށީގައި ހުންނަނީ މެންގަނީސް، ސޯޑިއަމް، ކޮޕާ އަދި ސެލީނިއަމް އެވެ. ޅަ ކުރުނބަލުގައި ފެޓްސް ހިމެނޭ މިންވަރު ވެސް ކާއްޓަށް ވުރެ މަދެވެ. ކާށީގައި ފެޓްގެ ބައި ގިނަވެ، ކަރުގަނޑު ބޯވެ ހަރުވުމުން ކާށި ގިނައިން ބޭނުން ކުރެވެނީ ރިހަ ކެއްކުމަށާއި ތެލުގެ ބޭނުމުގަ އެވެ. ފައިބާއަށް ބަލާއިރު ކާށީގައި ފައިބާގެ މިންވަރު ގިނަ އެވެ. ވީމާ ބަނޑަށް ވެސް ލުއި ވަނީ ކާއްޓަށް ވުރެ ކުރުނބަލެވެ.