ތެދުވެރިކަމަކީ މީހަކަށް ލިބޭނެ އެންމެ މާތް ސިފަ އެވެ. ތެދުވެރިންނަކީ މީހުން އެންމެ އިތުބާރު ވެސް ކުރާ މީހުންނެވެ. ނަމަވެސް އަމިއްލަ ފައިދާއަށް ދޮގުހެދުމާއި އޮޅުވާލުމަކީ ކޮންމެވެސް ވަރަކަށް ދެ ޖިންސުގެ ދެމެދުގައި ހިނގާކަމެކެވެ. ކަންމިހެން އޮތް ނަމަވެސް އަމިއްލަ ފައިދާ އާއި އަމިއްލަ މަސްލަހަތު އޮންނަ ކަންކަމުގައި އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން، ދޮގުހަދާ އޮޅުވާލާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ އިން އިތުރަށް ހާމަވިގޮތުގައި ފިރިހެނުންގެ އޮންނަ ވާދަވެރިކަމަކީ ދޮގުހެދުމަށް ލިބޭ ހިތްވަރެކެވެ. ފިރިހެނުން ދޮގުހަދަނީ އެމީހުންނަކީ މުހިންމު، މަތީ ދަރަޖަ ލިބިގެންވާ އަދި ޚާއްސަ ވާންޖެހޭ ބައެއްކަމަށް ބަލައިފަ އެވެ.

މި ދިރާސާއިން ހާމަވާގޮތުގައި އަންހެނުން ފިރިހެނުންނަށް ވުރެ ތެދުވެރި އެވެ. އަދި ދޮގު ހެދި ނަމަވެސް އެކަމާ ހިތާމަކޮށް އިސްލާހުވެ އެވެ.

ދޮގުހެދުމުން ވަގުތީ ފައިދާއެއްވީ ނަމަވެސް އެއީ އެމީހާއަށް ނަފްސާނީ ގެއްލުންތަކެއް ކުރިމަތި ކުރުވާކާމެކެވެ. ދޮގުހަދާ މީހެއްކަން އެނގުމުން އެހެން މީހުން އޭނާއަށް ކުރާ އިތުބާރު ގެއްލެން ދިމާވުމުން، އޭނާއާ ދުރުހެލިވެ އެވެ. އޭގެ ސަބަބުން އެމީހަކަށް އެކަނިވެރިކަން އިހްސާސްވެ އެވެ. ލޭމައްޗަށް ދެ އެވެ. ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ.