މާލޭގެ މަގުމަތީގައި އާންމުންނަށް ތަކުރާރުކޮށް އުނދަގޫކުރަމުންދާ މީހެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން ދޮޅު އަހަރު ވީއިރު ވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާތީ، ޒިންމާދާރު މަގާމުތަކެއް ފުރުއްވަމުން ގެންދަވާ މުހައްމަދު ސައީދު މިއަދު ހެނދުނުން ފެށިގެން ހެންވޭރު ޕޮލިސް ސްޓޭޝަން ބޭރުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި އެވެ.
ސައީދު މިއަދު އޭނާގެ ފޭސްބުކް މެދުވެރިކޮށް އެ މީހާގެ ފޮޓޯއާއެކު އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ މަގުތަކުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އަހުމަދު ފާރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން ބޮޑެތި ގޯނާތަކާއި އުނދަގޫތައް ކުރިމަތިވަމުން އަންނަތާ ދޮޅު އަހަރު ވެފައިވާ ކަމަށެވެ.
އެ ސަރަހައްދުގެ އަމާންކަން ގެއްލޭ ގޮތަށް އެ މީހާ ހިންގަމުންދާ އަމަލުތަކުގެ ތަފްސީލު ހާމަކުރައްވަމުން ސައީދު ވިދާޅުވީ، މަގުމަތިންދާ އާންމުންނާ ދިމާލަށް ހުތުރު ބަހުން ހަޅޭއްލެވުމާއި، އެއްވެސް އިންޒާރަކާ ނުލައި ޕްލާސްޓިކް ފުޅިން މީހުންނަށް ހަމަލާދިނުން ފަދަ ކަންކަން އޭނާ ކުރަމުންދާ ކަމަށެވެ. މީގެއިތުރުން ބެލްކަނީގައި ހުރެގެން މަގުމަތިން ދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ފަހަރު އޭނާގެ ގަޔަށް ވެސް ތެޔޮ ޖަހާފައިވާ ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ސައިކަލުތައް މަގުމައްޗަށް ނެރެ މަގު ބަންދުކުރާ ބޯޑުތައް ހުރަސްކޮށްގެން ދުއްވާ އެއްޗެއްސަށް ދަތިކުރުމާއި، ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ދެ ފަހަރެއްގެ މަތިން ކުނި އުކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މެންދަމުން ފެށިގެން ފަތިސްވަންދެން މެދުނުކެނޑި އަޑުގަދަކޮށް ހަޅޭއްލެވުމުގެ އިތުރުން، އިމާރާތަށް މީހުން ވަންނަ ވަގުތު ބަލައި ވަގަށް އެތެރެއަށް ވަދެގަތުމުގެ އަމަލުތައް ވެސް އެ މީހާ ހިންގަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، މި ހުރިހާ މައްސަލަތަކެއް ވީޑިއޯ އަދި ފޮޓޯ ހެކިތަކާއެކު ފުލުހުންނަށް ރިޕޯޓްކޮށް، ފިޔަވަޅެއް އަޅައިދޭނެ ކަމަށް ވަރަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރެވުނު ނަމަވެސް، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތަކަށް އަޅުގަނޑުމެންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ނުކުޅެދިފައި،" ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ސައީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ އާއިލާގެ ރައްކާތެރިކަމަށްޓަކައި މަޖުބޫރުވެގެން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި ނުރައްކާތެރި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިނުދެނީސް ހަޅުތާލު ހުއްޓައިނުލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި އޭނާ އެދިވަޑައިގަންނަވަނީ ގާނޫނުން ބޭރުން އެއްވެސް ކަމެއް ކޮށްދިނުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ އާއިލާއަށާއި އެ މަގު ބޭނުންކުރާ އެންމެހައި ރައްޔިތުންނަށް އަމާން، ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށްވާތީ، އެ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށެވެ.
ޔަމަނުގެ އަދަން އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ދީފި
ކޮކޯ ޕާމް ބޮޑު ހިތީގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ!