އއ. ރަސްދޫން އިއްޔެ ދެ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

އއ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެރަށު ސްޓޭ ގެސްޓް ހައުސްގައި ތިބި ދެފަތުރުވެރިން އިއްޔެ ނެގި ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ދެމީހުންނާ ބައްދަލުވެފައިވާ ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އިއްޔެ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނާ ބައްދަލުވެފައިވާ ފަރާތެއްވާނަމަ 9935732 އަށް ގުޅާ، އެމައުލޫމާތު ހިއްސާކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެ އެވެ.

ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ "ހުރިހާ" އަށް ވިދާޅުވިގޮތުގައި ޕޮޒިޓިވްވި ޕާކިސްތާކުގެ ދެ ޓޫރިސްޓަކީ ރިސޯޓަކުން ދެ ރެ އަށް އެރަށަށް ދިޔަ ބަޔެކެވެ.

ރަސްދޫއިން ފުރަންވެގެން އެ ދެ މީހުން ނެގި ސާމްޕަލް ކޮވިޑަށް ޕްޒިޓިވްވުމާ ގުޅިގެން މިހާރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 18 ފަރާތެއް ފާހަގަކުރެވި ކަރަންޓީންކުރުމާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖަލީލް ވިދާޅުވި އެވެ.

"މިހާތަނަށް 18 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވޭ. އެހެންވީމަ އެމީހުން ކަރަންޓީންކުރުމާއި ސާމްޕަލް ނެގުމުގެ މަސައްކަތް އަތޮޅު ހޮސްޕިޓަލުން މިހާރު އެބަ ކުރިއަށް ގެންދޭ،" އޭނާ ވިދާޅުވި އެވެ.

އއ އަތޮޅު ހޮސްޕިޓަލުންވަނީ ކޮންޓެކްޓް ޓްރޭސްކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިފަ އެވެ.