އީރާނުން އިޒްރޭލަށް ޑްރޯން އާއި މިސަލުން ވަރުގަދަ ހަމަލާތަކެއް ރޭ ދީފި އެވެ.
މިއީ އީރާނުން އިޒްރޭލަށް ސީދާ ހަމަލާ ދިން ފުރަތަމަ ފަހަރެވެ.
އީރާނުން އިޒްރޭލަށް ހަމަލާދޭން މިފެށީ ސީރިޔާސް ދިމިޝްގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަކަށް އިޒްރޭލުން ހަމަލާދީ ސިފައިންގެ އިސް އޮފިސަރުންތަކެއް އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
މި ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ވަނީ އީރާނުން ހަމަލާދީފި ނަމަ އިޒްރޭލް ހިމާޔަތްކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެ އެވެ.
އީރާނުން ވަނީ އިޒްރޭލަށް 185 ޑްރޯން ހަމަލާ އިޒްރޭލާ ދިމާލަށް ފޮނުވާލައިފަ އެވެ. އަދި 331 މިސައިލް ވެސް ފޮނުވާލި އެވެ. އޭގެ ތެރޭގައި 110 ބެލެސްޓިކް މިސައިލާއި 36 ކްރޫޒް މިސައިލް ހިމެނެ އެވެ. އޭގެ ތެރެއިން ހަތް ބެލެސްޓިކް މިސައިލް އަމާޒަށް ވާސިލްވި ކަމަށްވެ އެވެ.
އިޒްރޭލަށް ފޮނުވާލި ސުއިސައިޑް ޑްރޯންތައް އިރާގު މަތިން ޖޯޑަން ސަރަހައްދުން ދަތުރުކުރި މަންޒަރު ފެނިފައިވާ ކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.
ގަޑިއަކު 180 ކިލޯމީޓަރުގެ ބާރުމިނުގައި އުދުހޭ ޝަހީދު ޑްރޯންތައް އީރާނުން ފޮނުވާލާފައިވާއިރު، އެ ޑްރޯންތައް އިޒްރޭލަށް ދިއުމަށް 7-9 ގަޑިއިރު ނަގާނެ ކަމަށްވެ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން މި ޑްރޯންތައް ފޮނުވާލުމުން އިޒްރޭލުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމް ފޫއަޅުވާލައި މިސައިލްތައް ފޮނުވާލަން ފަސޭހަވާނެ ކަމަށްވެ އެވެ.
އީރާންގެ ހަބަރުތައް ފަތުރާ ވަސީލަތްތަކުން ވެސް ވަނީ އިޒްރޭލަށް ހަމަލާދޭން ފެށިކަން ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާއާ ގުޅިގެން ޖޯޑަން އިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އިޒްރޭލުގެ ވައިގެ ދިފާއުތައް ވަނީ ކުއްލި ހާލަތަށް ގެނެސްފަ އެވެ.
މީގެ އިތުރުން އީރާނުން ވަނީ އިޒްރޭލަށް މިސައިލް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުން ވެސް ވަނީ ބުނެފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ހާއްސަ ތަންތަނަކަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.
ޑްރޯން ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ ބުނެފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އައިޑީއެފްގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ވިދާޅުވީ މި ހަމަލާއަށް އިޒްރޭލު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
މި ހަމަލާއަށް ފަހު އީރާނުން ބުނީ އީރާނާ ދެކޮޅަށް ހަމަލާދޭން އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދު ހުޅުވައިފި ނަމަ އެ ގައުމަކަށް ހަމަލާދޭނެ ކަމަށެވެ.
އީރާނުން އިޒްރޭލަށް ފޮނުވާލި ޑްރޯންގެ އަދަދު 100 އަށް އަރާ ކަމަށާއި އޭގެ ތެރެއިން ބައެއް ޑްރޯންތައް އިރާގު އަދި ޖޯޑަންގެ ވައި ސަރަހައްދުން ގޮއްވާލާފައިވާ ކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެ އެވެ.
މި ހަމަލާއާ ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް މެދުއިރުމަތީގެ ގިނަ ގައުމުތައް ވަނީ ތައްޔާރުވެ، ކުއްލި ހާލާތަކަށް ގެނެސްފަ އެވެ.
އިރާނުން ކްރޫޒް މިސައިލާއި ބެލެސްޓިކް ވެސް ބޭނުންކޮށްގެން މިރޭ ހަމަލާދޭން ފެށިފަހުން އިޒްރޭލުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ބާރުގަދަ ގޮވުންތަކުގެ އަޑާއި އިންޒާރުގެ ސައިރަންގެ އަޑުގަދަވެފައިވާ ކަމަށް ހަބަރު ލިބެން ވަނީ ފަށައިފަ އެވެ. ނަމަވެސް މިއީ އީރާނުން ދިން ހަމަލާއާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
އިޒްރޭލުން ބުނީ އީރާނުން ދީފާނެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ އާއްމުން ސަލާމަތްކަން ހޯދަން ބަންކަރުތަކަށް ވަނުމަށް ވަނީ އިރުޝާދު ދީފަ އެވެ.
އީރާނުން ފޮނުވާލި އެއްވެސް ހަމަލައެއް މިހާތަނަށް ކާމިޔާބުވި ކަމެއް ނޭނގެ އެވެ. އީރާނުން ހަމަލާދޭން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ޔަމަނު އަންސާރުﷲ ޖަމާއަތުން ވެސް އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ވަނީ ފަށައިފަ އެވެ.
އީރާނުން ބުނީ އިޒްރޭލުން އިތުރު ގޯހެއް ހަދައިފިނަމަ އީރާނުގެ ރައްދު މާ ހަރުކަށިވާނެ ކަމަށެވެ.