ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު ބާއްވަން ތާވަލުކޮށްފި އެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ދިރާގުން ބުނީ މި ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނީ "ހައިބްރިޑް" ކޮށްކަމަށް ވާތީ، ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސް ރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެ ކަމަށެވެ.

ރަޖިސްޓާކުރުމަށް ހުޅުވާލާފައި ވާނީ:

  • ހިއްސާދާރުންގެ ޕްރީ- ރެޖިސްޓްރޭޝަން: 4 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 22:00 އިން 27 އެޕްރީލް 2024 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް
  • ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 4 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 22:00 އިން 26 އެޕްރީލް 2024 ވާ ހުކުރު ދުވަހުގެ 13:00 ގެ ނިޔަލަށް

ވީމާ، 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުވަނީ އެރުވިފަ އެވެ.

ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ހިއްސާދާރުންނަށް، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ހާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، 28 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެންގޭނެ އެވެ.

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިއުކުރެވިފައެވެ. އަދި މި ލިންކުން އެ މައުލޫމާތު ލިބޭނެ އެވެ.