ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަރުހޫމް އިބްރާހިމް ޝިހާބުގެ ވަރަށް ޚާއްސަ ތަގުރީރެއް އަޑު އަހާލުމަށް އިސްލާމީ މަރުކަޒުގެ ހޯލަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އޭރު ބާއްވާ ގައުމީ ޖަލްސާތަކަށް ސްކޫލްތަކުން ހޮވާލެވޭ ދަރިވަރުންތަކަށް ލިބޭ ފުރުސަތުގެ ތެރެއިން ލިބުނު ފުރުސަތެއްގަ އެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ޝިހާބު ޖީބުފުޅުން ކުޑަ ކަރުދާސްކޮޅެއް ނެންގެވި އެވެ.
އެ ކަރުދާސްކޮޅުގައި އޮތް އެއްޗެއް އަކުރުން އަކުރަށް ވިދާޅުވިއިރު އޭގައި ލިޔެފައި އޮތީ "މަނިކުފާނުގެ ބޭފުޅެއް ކަމުގައި ވިޔަސް ދައުލަތުގެ ފަރާތުން އަންގާ މިންވަރަކަށް އަންގާ އެއްޗެއް މެނުވީ ކިޔަވައިދެއްވައިގެން ނުވާނެ" ކަމަށެވެ.
އެއީ އެމަނިކުފނުގެ ބައްޕާފުޅު ހުސޭން ސަލާހުއްދީނަށް ދައުލަތުގެ ފަރާތުން ފޮނުވާފައި އޮތް ލިޔުމެކެވެ. އޭގައިވާ ގޮތުން ދިވެހި ރައްޔިތުންގެ ތެރެއިން އިލްމު އުނގެނުމުގެ ފުރުސަތު އޮތީ ދައުލަތުން އެކަމަށް ހުއްދަ ދޭ ބަޔަކަށެވެ. އެފަދަ ބަޔަކަށް ވެސް އުނގެނުމުގެ ހުއްދަ އޮންނަނީ ދައުލަތުން ހުއްދަ ކުރި އެއްޗެކެވެ. ހުއްދަ ކުރި މިންވަރަކަށެވެ.
އޭރު ރާއްޖޭގައި ވެރިކަން ކުރަމުން ގެންދިޔައީ އަތިރީގެއަށް ނިސްބަތްވާ ޚާންދާނުންނެވެ. ހުރަވީ ދަރިކޮޅެވެ. އެ ދަރިކޮޅުން ރާއްޖޭގެ ރައީސްކަން ކުރެއްވި ސުމުއްވުލް އަމީރު މުހަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނަކީ ރާއްޖޭގެ ރައްޔިތުންނަށް ވަކިމިންވަރަކަށް ތައުލީމުގެ ފުރުސަތު ހުޅުވާލެއްވި ބޭފުޅެއް ކަމުގައި ފާހަގަ ކުރެވެ އެވެ. އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމުގެ ބާރުތައް ލިބިވަޑައިގެންނެވުމުގެ ކުރިން ދައުލަތުގެ މަތީ މަގާމުތަކުގައި ހުންނެވި އިރު ދައުލަތް ހިންގެވުމުގައި އިސްކޮށް ހުންނެވީ ހަސަން ފަރީދެވެ.
ރާއްޖޭގައި ވެރިކަން ކުރަން ބޭނުން ކަމަށްވާނަމަ ރައްޔިތުންނަށް މާ ބޮޑަށް ކިޔެވުމުގެ ފުރުސަތު ދޭން ނުވާނެ ކަމަށް ހަސަން ފަރީދު ވިދާޅުވި ކަމަށް ވާހަކަދެކެވެ އެވެ. އެ ވާހަކައިގެ ޖަވާބަކަށް އަމީން ވިދާޅުވި ކަމުގައި ވަނީ ނުކިޔަވާ ތިބި ބައެއްގެ ތެރޭގައި ކުރާނީ ކޮން ވެރިކަމެއް ހެއްޔެވެ.
ތާރީޚުގެ ސަފުހާތައް އުކާލައި ބަލާލާއިރު އިސްލާމް ވީއްސުރެ ރާއްޖޭގައި ދީނާއި ދުނިޔޭގެ ބޮޑެތި އިލްމު ވެރިން އައީ އުފެދެމުންނެވެ. ވެރިކަމުގެ ފަރާތުން އިލްމު ވެރިންނަށް ޚާއްސަ ގަދަރަކާއި އިހުތިރާމެއް ދެމުން ގެންދިޔަ އެވެ. ރާއްޖެއިން ބޭރުން ވެސް އިލްމުވެރިއެއް ރާއްޖެ އަތުވެއްޖެނަމަ އެމީހަކު ބޭނުންކޮށްގެން ރައްޔިތުންނަށް އިލްމު އުނަގަންނައި ދެވޭތޯ ވެރިކަމުގެ ފަރާތުން މަސައްކަތް ކުރަމުން އައިސްފައިވެ އެވެ.
އުތީމު މުހައްމަދު ތަކުރުފާނު ރާއްޖެ މިނިވަންކުރެއްވީ ޕޯޗްގީޒުން ގައުމު އަޅުވެތި ކޮށްގެން އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އޭރު ރާއްޖޭގައި އެކަށީގެންވާ މިންވަރަކަށް ދީނީ ތައުލީމު އުނގެނިގެން ތިބި މީހުން މަދެވެ. އެފަދަ ހާލުގައި ރާއްޖޭގެ ދަރިންނަށް ތައުލީމު ހޯއްދަވައި ދެއްވުމަށް ބޮޑު ތަކުރުފާނަށް އެހީއެއްކަމުގައިވީ ހިޖާޒު ކަރައިން ތައުލީމު ހާސިލްކުރައްވައިގެން ވަޑައިގެންނެވި ދިވެހި ދަރިއެއްކަމުގައިވާ މުހައްމަދު ޖަމާލުއްދީނު ނުވަތަ ވާދޫ ދަންނަ ކަލޭގެފާނެވެ.
މުހައްމަދު ތަކުރުފާނުގެ އެދިވަދައިގެންނެވުމަށް އެކަލޭގެފާނު ވާދޫގައި ކިޔަވައިދެއްވަން ފެށްޓެވި އެވެ. ރާއްޖޭގެ އެކި ހިސާބުން މީސްތަކުން ވާދުއަށް ގޮސް އެ ކަލޭގެފާނުގެ އަރިހުން ދަރިވަރުވެ ބޮޑެތި އިލްމުވެރިން އުފެދުނެވެ.
މުހައްމަދު ތަކުރުފާނުގެ ފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި އެތަކުރުފާނުގެ ދަރިކަލުން ކަމަށްވާ އިބްރާހީމް ކަލާފާނުގެ ޒަމާނުގައި ވެސް އިލްމު އުނގެނުމަށް ބާރު އެޅުއްވި އެވެ.
ހުރަވީ ދަރިކޮޅުގެ ވެރިކަން ރާއްޖޭގައި ފެށުނީ ދިޔަމިގިލީ ދަރިކޮޅުގެ ވެރިކަން ހިންގަމުން ދަނިކޮށް ހޮޅިން ރާއްޖެއަށް ހަމަލަދީ ރަސްގެފާނު ގެންދިއުމަށްފަހު ރާއްޖެއަށް ވެރިވެގަތް ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ހުރާ ދޮން ހަސަން މަނިކުފާނާ ހަމައިންނެވެ.
ހުރަވީ ދަރިކޮޅަކީ އައްސުލްތާނު ހަސަން އިއްޒަތްދީނަށް ނިސްބަތްވާ ދަރިކޮޅެއްކަމުގައި ވިޔަސް ހަގީގަތުގައި އެ ދަރިކޮޅުގެ ފެށުމަކީ ހަސަން އިއްޒަތްދީނު ކަމުގައެއްއް ނުބެލެވެ އެވެ. ސަބަބަކީ އެމަނިކުފާނުގެ އަވަހާރަވަމުން ވެރިކަން ދިޔަމިގިލީ ދަރިކޮޅަށް ރައްދު ކުރެއްވުމެވެ.
ދޮން ބަންޑާރައިންނަށް ފަހު ރާއްޖޭގެ ވެރިކަން ކުރެއްވީ ސުލްތާނު މުހައްމަދު ޣިޔާސުއްދީނު އިސްކަންދަރެވެ. ތާޖުއްދީނުގެ ތާރީޚުގައި ވާގޮތުން އެ ރަދުންނަކީ އަދުލު ވެރި، ދީންވެރި، ދަންނަބޭކަލުންނަށް ކަމޭ ހިއްތެވި، އިލްމު ފެތުރުއްވުމަށް ބާރު އެޅުއްވި ރަސްކަލެކެވެ.
އަދުލު ވެރިކަމާ އެކު އެރަދުން ރަސްކަން ކުރައްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު ހައްޖުގެ އަޅުކަމަށް ފުރައިވަޑައިގެންނެވުމާ އެކު އެރަދުންގެ ވެރިކަން ބަދަލުކޮށް ހުރަވީ ދަރިކޮޅަށް ވެރިކަން ފުރޮޅާލެވުނެވެ. ރަސްކަމަށް އިސްވެ ވަޑައިގެންނެވީ ދޮން ބަންޑާރައިންނާ އެއްބަނޑު އެއްބަފާ ހުސޭން ދޮށިމޭނާ ކިލެގެފާނުންގެ ފުތް މުހައްމަދު މަނިކުފާނެވެ. އައްސުލްތާނު މުހައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ނަންފުޅަށެވެ.
އެ ރަދުން ރަސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންގެ ގަނޑުވަރުތައް ތަޅައި ތިރިކޮށް އެންމެ ބޭފުޅުން އެކިއެކި ރަށްރަށަށް އަރުވައިލެއްވި އެވެ. ތާޖުއްދީނުގެ ތާރީޚުގައިވާ ގޮތުގައި ރާއްޖޭގައި މީހުންގެ މުދައު ފޭރި ގެދޮރު ތަޅައި، އިލްމު އުނގެނުން މަނާކުރި ފުރަތަމަ ފަހަރަކީ އެއީ އެވެ. ދިޔަމިގިލީ ދަރިކޮޅުގެ އެއްވެސް މީހަކަށް އެއްވެސް އިލްމެއް އުނގެނުން މަނާކުރުމަކީ ރާއްޖޭގައި އިލްމު އުނގެނުން މަނާ ކުރުމުގެ ފެށުމެވެ.
ހައްޖުގެ އަޅުކަމަށްފަހު ރަދުން ވަޑައިގެންނެވި އިރު ވެރިކަމުގައި ހުންނެވީ އައްސުލްތާނު މުހައްމަދު މުއިއްޒުއްދީނުލް އިސްކަންދަރެވެ. އެއީ ދޮން ބަންޑާރައިންގެ ދަރިކަލެކެވެ. ޣިޔާސުއްދީން ރަދުން ރާއްޖެ ވަޑައިގެން ވެރިކަމުގެ ކަންތައް އޮތް ގޮތް އެނގިވަޑައިގެންނެވުމާ އެކު ރަދުންނަށް ސިޓީފުޅެއް ފޮނުއްވައި ހިމާޔަތަށް އެދި ވަޑައިގެންނެވި އެވެ. އެކަމަކު ރަދުންގެ އެންގެވުމަށް ޣިޔާސުއްދީން ދޯންޏަކަށް ލައިގެން ގެންގޮސް ހަށިގަނޑުގައި ބަރޯސީބަނދެފައި ދިރިހުއްޓާ ކަނޑަށް ފައްތާލީ އެވެ.
ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ނިންމަވައިލެއްވުމަށް ފަހު ރާއްޖޭގެ ވެރިކަން ކުރަމުން އައި ހުރަވީ ދަރިކޮޅުން މަސައްކަތް ކުރަމުން އައިސްފައި ވަނީ ރައްޔިތުންނަށް އިލްމު އުނގެނުމުގެ ފުރުސަތު ނުދިނުމަށެވެ. ޚާއްސަކޮށް އިނގިރޭސި ތައުލީމު ހޯދުމަކީ ހަމައެކަނި ކޮއިލު ތެރޭގެ އިސް ބޭބޭފުޅުން ފިޔަވައި އެހެން ބަޔަކަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ.
މަރުހޫމް ޝިހާބުގެ ބައްޕާފުޅަށް ލިބިވަޑައިގެންނެވ ސިޓީއަކީ އެފަދަ މަނާ ކުރުމުގެ ތެރެއިން ލިބިވަޑައިގެންނެވި ސިޓީއެކެވެ. ހުރަވީ ދަރިކޮޅުން ރާއްޖޭގެ ރައްޔިތުންނަށް އިލްމު އުނގެނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި އާންމުކޮށް އެންމެނަށް ދުނިޔޭގެ ފެންވަރަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވައިލެއްވީ ދިވެހި ގައުމަށް މިނިވަންކަން ހޯއްދަވައި ދެއްވި ލީޑަރު ސުމުއްވުލް އަމީރު އިބްރާހިމް ނާސިރެވެ.
ހަގީގީވާހަކަ ހުރި މިލިއުމުގައި ޖައްސަވާފައިވާ ފޮޓޯގަ އެވަނީ އަޅުގަނޑުގެ މަންމަ .މިހާރުވެސް ކުޑަކުދިންނަށް ކިޔަވަދޭ އުމުރު 80 އިން މަތި.