ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް ވައި މަޑުވާނެ ކަމަށެވެ. އެގޮތުން ވައި ޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ ރޭގެ 8:45 އިން ފެށިގެން 12:45އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލެއް ވެސް ނެރެފަ އެވެ. މި ސަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގައި ހުރި އަތޮޅުތަކަށެވެ.

އެ އިދާރާ އިން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ ދެމޫސުން ބެދޭތީކުރާ ވިއްސާރައެއް ކަމަށެވެ.

މިމަހުގެ 18 އިން ފެށިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ އިދާރާއިން ބުނެ އެވެ.