ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ މުއާމަލާތުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން ނޫނީ އެފަދަ ކަންކަމުގައި ގޮތެއް ނުނިންމުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވައިލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން އެތައް ހޭދައެއްކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަށްފަހު، އެ ތަނުން ބޮޑު ބައެއް ބޭރުގެ ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް މިނިވަން ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކަންކަމަށް ތަރުހީބުދޭ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ނަމަވެސް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރުފަޅުގެ ބޮޑު ބައެއް ދިނުމަށް ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް އެމްޑީޕީން ބުންޏެވެ. އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރި މައުލޫމާތު ދިމާނުވާ ކަމަށްވެސް އެ ޕާޓީން ފާހަގަކުރި އެވެ.

ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހުމަކީ ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށް އެމްޑީޕީން ބުންޏެވެ. ދިވެހިރާއްޖެއަށް އެހާމެ ބޮޑު ފައިދާއެއް ވާން އޮތް ކަމެއްނަމަ، ތަފްސީލު ހާމަނުކުރެވެންވީ ސަބަބެއް ނެތް ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

އެހެންކަމުން އެ ކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ޝަރުތުތަކާއި މުއްދަތު އަވަހަށް ހާމަކުރުމަށް އެމްޑީޕީން ވަނީ ގޮވައިލައިފަ އެވެ. ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، މާލީ އިލްތިޒާމުތަކުގެ އިތުރުން ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކުގެ ތަފްސީލު ސާފުކޮށްދިނުމަށްވެސް އެ ޕާޓީން އެދުނެވެ.

މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ކަށަވަރުކޮށްދިނުމަށްވެސް ސަރުކާރަށް ވަނީ ގޮވައިލައިފަ އެވެ. އަދި މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމެއް އުފަންވެދާނެ އެއްވެސް ކަމެއް ހިމެނޭތޯ ސާފުކުރުމަށްވެސް އެމްޑީޕީން އެދުނެވެ.

ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެފަދަ ކަމެއްގައި ގޮތެއް ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުން ކަމަށްވެސް އެ ޕާޓީން ފާހަގަކުރި އެވެ.

ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް މެދުވެރިކޮށް ރައްޔިތުން ދެކޭގޮތް ބެލުމަށްފަހު ނޫނީ އެފަދަ މުއާމަލާތްތަކަށް ނުވަނުމަށް އެމްޑީޕީން ވަނީ ގޮވައިލައިފަ އެވެ.