ހޮރްމުޒް ކަނޑުއޮޅީގައި ދެވޭ ހަމަލާތައް، އީރާން ހަނގުރާމަ ފެށުނު ފަހުން އެންމެ މަތީ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ސަލާމަތީ ދާއިރާތަކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަލާމަތީ ކަންކަމާ ގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޫބަރު 11 އިން ފެށިގެން ހޮރްމުޒް ކަނޑުއޮޅި އާއި އެ ސަރަހައްދުގެ ކައިރިން މަދުވެގެން 10 އުޅަނދަކަށް ހަމަލާދީފައިވެ އެވެ. މިއީ އެމެރިކާ، އިޒްރޭލް އަދި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިހާ ގިނަ އަދަދަކަށް ހަމަލާދިން ފުރަތަމަ ފަހަރެވެ.
ސަލާމަތީ ކަންކަމާ ގުޅޭ ކުންފުންޏެއް ކަމަށްވާ "ވެންގާޑް" އާއި، ބައިނަލްއަގުވާމީ މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަދި އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީ (ޔޫކޭއެމްޓީއޯ) ގެ ހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 13 ވަނަ ދުވަހު ހަތަރު އުޅަނދަކަށް އަދި އޮކްޓޫބަރު 11 ވަނަ ދުވަހު ހަ އުޅަނދަކަށް ހަމަލާދީފައިވެ އެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހަމަލާދިން ފަހަރެވެ.
މި ހަމަލާތަކާ ގުޅިގެން ދެ ފަޅުވެރިއަކު ގެއްލިފައިވާ ކަމަށާއި، ކޮންޓޭނަރު އުފުލާ ބޯޓެއް އަޑިއަށް ގޮސްފައިވާ ކަމަށް ކަނޑުދަތުރުފަތުރާ ބެހޭ ބައެއް އިދާރާތަކުން ވަނީ ބުނެފަ އެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، މި މުހިންމު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ފުރަތަމަ ހަމަލާދޭން ފެށީ މާޗު މަހުގަ އެވެ. އޭގެ ފަހުން، އީރާނުން ހުއްދަ ދީފައި ނުވާ މަގުތަކުން ދަތުރުކުރާ އުޅަނދުތަކަށް ތެހެރާނުން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ.
މި ހަމަލާތަކުގެ ސަބަބުން، ގަލްފުގެ ގައުމުތަކުން ތެލާއި އެހެނިހެން މުދާ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ.
އޮކްޓޫބަރު މަސް ފެށުނު ފަހުން މިހާތަނަށް ޖުމްލަ 23 ހަމަލާއެއް ރެކޯޑުކުރެވިފައިވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން މަހެއްގެ މައްޗަށް ހަމަލާދޭ އެވްރެޖް މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، މުދާ އުފުލާ ބޯޓަކަށް ހަމަލާދީފައިވާނެ ކަމަށް އޮކްޓޫބަރު 10 ވަނަ ދުވަހު އެމެރިކާއިން ބުނި ނަމަވެސް، އައިއެމްއޯގެ ރެކޯޑުތަކުގައި އެ ހާދިސާ ހިމަނާފައެއް ނުވެ އެވެ.
ވެންގާޑްގެ އެނަލިސްޓް ބަރުން ގުޕްތާ ވިދާޅުވި ގޮތުގައި، ހަމަލާތައް އިތުރުވާން ދިމާވި ސަބަބަކީ އޮކްޓޫބަރު މަސް ފެށުނުއިރު ހަކަތަ އެކްސްޕޯޓް ކުރާ މިންވަރު ހަނގުރާމައިގެ ކުރިން ހުރި މިންވަރާ ގާތަށް އުފުލި، އޭގެ ފަހުން އަނެއްކާވެސް ދަށަށް ދިއުމެވެ.
ގުޕްތާ އޭއެފް.ޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަނގުރާމަ ހިނގަމުންދިޔަ ނަމަވެސް ގަލްފުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ރަނގަޅުވަމުންދާ ކަމަށާއި، ދާދި ފަހުން ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރުގެ 80 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. އެހެންކަމުން، ހަމަލާތައް ވަރުގަދަކުރުމަކީ އެ ކުރިއެރުމަށް ހުރަސްއަޅައި، ވިޔަފާރި އުޅަނދުތަކަށާއި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ގެއްލުން ދެވިދާނެކަން ސާބިތުކޮށްދިނުމަށް ތެހެރާނުން ކުރާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އައިއެމްއޯގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހިނގި އެކި ހާދިސާތަކުގައި މިހާތަނަށް 24 ފަޅުވެރިއަކު ވަނީ މަރުވެފަ އެވެ.
މަޝްހޫރު ފަންނާނުންނާއެކު ނިއު ދިއްލީގައި ކޭޕޮޕް ފެސްޓިވަލެއް!
8 ގަޑިއިރުގެ ފުރިހަމަ ނިންޖާއެކު ވެސް ވަރުބަލި ވެފައި، ކީއްވެ؟
"ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދެނީ އޮޅުވާލައިގެން"
