އަބޫދާބީގެ ޝާހީ އާއިލާގެ މެންބަރަކު ކޮކެއިން ބޭނުންކޮށްގެން ތިން އަހަރުގެ ކުޑަކުއްޖަކާއެކު ލަންޑަނުގެ ކާރޫބާރޫ ބޮޑު މަގަކަށް މަސްތުގެ ހާލަތުގައި އޮއްވާ ފެނުނު މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.
އުމުރުން 32 އަހަރުގެ މަހްރާ އަލް ނަހްޔާން ފެނިފައިވަނީ މަސްތުވެ ވެއްޓިފައި އޮތް ފިރިހެނެއްގެ ކައިރީގައި މަގުމަތީގެ ރޭލިންގްއެއްގައި ލެނގިލައިގެން އޮއްވަ އެވެ. އޭނާ އެގޮތަށް އޮތީ އެތައް ދުވަހެއް ވަންދެން ކޮކެއިން ބޭނުންކުރުމަށްފަހުގަ އެވެ.
އެ ވަގުތު އޭނާގެ ބެލުމުގެ ދަށުގައި ހުރި ތިން އަހަރުގެ ކުޑަކުއްޖާ ފެނުނީ ހުސްފަޔާ މަގުމަތީގައި ކުޅެން ހުއްޓާ އެ ސަރަހައްދުން ދިޔަ މީހަކަށެވެ. ލަންޑަނުގެ ހުޅަނގު ސަރަހައްދަކަށް ފުލުހުން ދިޔަތާ ބައިގަޑިއިރު ވީއިރުވެސް މަހްރާ އޮތީ އެ ހާލަތުގަ އެވެ.
ދެކުނު ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުގައި އިއްޔެ އޮތް އަޑުއެހުމުގައި މަހްރާ ވަނީ ކުޑަކުއްޖަކަށް އިހުމާލުވުމުގެ ދައުވާއަށް އިއުތިރާފުވެފަ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖޫން މަހުގަ އެވެ. އޭގެ ފަހުން އޭނާ ދަނީ ސަރޭގެ ވޯކިންގައި ހުންނަ ޕްރަޔަރީ ސެންޓަރުގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދަމުންނެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަކުދިން ކުޅޭ ސައިކަލަކާއި ބޯޓެއް ފަދަ ކުޅޭ އެއްޗެހީގެ ކައިރީގައި މަހްރާ އޮތީ މަގުގެ ދުވާރުމައްޗަށް ވެއްޓިފަ އެވެ. މަހްރާއަކީ ކައިވެނީގެ ގޮތުން އަބޫދާބީގެ ވެރިކަންކުރާ ޝާހީ އާއިލާގެ މެންބަރެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި ބާރުގަދަ އާއިލާތަކުގެ ތެރޭގައި ހިމެނޭ މި އާއިލާގެ މިލްކިއްޔާތު 250 ބިލިއަން ޕައުންޑަށްވުރެ ގިނަ ކަމަށް އަންދާޒާކުރެވެ އެވެ.
ދައުވާކުރާ ފަރާތުން ކޯޓުގައި ބުނެފައިވަނީ، މަގުމަތިން ދިޔަ މީހުންނަށް ކުޑަކުއްޖާ ފެނުނީ ބެލެނިވެރިއަކާ ނުލައި، ފައިވާނަށް ނާރައި، ކާރުތައް ދުއްވާ މަގާ ވަރަށް ކައިރީގައި ހުއްޓާ ކަމަށެވެ. އަދި މަހްރާ ހޭލުމަށްފަހު އާދަޔާ ހިލާފު ބަސްތަކެއް ބުނެފައިވާކަންވެސް ފާހަގަކުރި އެވެ.
ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ އާލާތްތައް ފެނުނު ނަމަވެސް، އޭރު އޭނާގެ އަތުން އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް ފެނިފައެއް ނުވެ އެވެ.
މަހްރާގެ ވަކީލު ވިދާޅުވި ގޮތުގައި، ޖުލައި މަހު ފަރުވާ ފެށީއްސުރެ އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާފަ އެވެ. އަދި އޭނާ އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، އެ ވަބާއިން ސަލާމަތްވުމަށް ވަރުގަދަ އަޒުމެއްގައި ހުރި ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. ހާދިސާ ހިނގި ދުވަހު މަސްތުވާތަކެތި ބޭނުން ނުކުރި ނަމަވެސް، ކުރީ ދުވަސްތަކުގައި ބޭނުންކޮށްފައިވުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ފަނޑިޔާރު ވަނީ މަހްރާގެ މައްޗަށް ދެ އަހަރު ދުވަހުގެ ކޮމިއުނިޓީ އޯޑަރެއް އިއްވާފަ އެވެ. މީގެ އިތުރުން 5,000 ޕައުންޑުން ޖޫރިމަނާކޮށް، ކޯޓު ހަރަދުގެ ގޮތުގައި 1,000 ޕައުންޑް ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.
އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށް، ހިންގުން ސައުދީއަށް
ވަކިކުރި ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
8 ގަޑިއިރުގެ ފުރިހަމަ ނިންޖާއެކު ވެސް ވަރުބަލި ވެފައި، ކީއްވެ؟
