ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އާއި ފިރިމީހާ ނިކް ޖޯނަސް ވަނީ ދާދި ފަހުން އެމީހުންގެ އާ ގެއަށް ބަދަލުވެފަ އެވެ. އެ ގޭގެ "ހައުސް ވޯމިން" ޕާޓީ ބާއްވާފައި ވަނީ ހިންދޫ ސަގާފަތާއި އެއްގޮތަށެވެ.

މި ކުޑަ ހަފްލާގައި ޕްރިޔަންކާ ލައިގެން ހުރި ހެދުމަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. އެތްނިކް ސްޓައިލުގެ ކުރެހުންތައް ހުރި މި އައިވަރީ ކުލައިގެ ހެދުމަކީ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ ލޭބަލް "ހައުސް އޮފް މަސާބާ" ގެ އުފެއްދުމެކެވެ.

އެ ކަން ފާހަގަކޮށް "ހައުސް އޮފް މަސާބާ" އިން ވަނީ އެމީހުންގެ އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފަ އެވެ.

"ހައުސް އޮފް މަސާބާ" ގެ ވެބްސައިޓްގައި ވާ ގޮތުން މި ހެދުމުގެ އަގަކީ 21،000 އިންޑިއާ ރުޕީސް އެވެ. މިއީ މެންދުރުގެ ކެއުމަކަށް ނުވަތަ ދުވާލުގަޑީގައި ބާއްވާ ޕާޓީއަކަށް ދާން ވަރަށް ކަމުދާ ހެދުމެކެވެ.

ޕްރިޔަންކާގެ ކުރިއަށް ހުރި ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. ދާދި ފަހުން އޭނާ މިވަނީ ލަންޑަނުގައި "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިން ނިންމާލާފަ އެވެ. މި ފިލްމުގައި އޭނާގެ އިތުރުން ސެލީން ޑިއޯން، ރަސެލް ޓޯވީ، ސޭމް ހިއުގަން އަދި އޯމިދް ޖަލީލީ ފެނިގެންދާނެ އެވެ. މީގެ އިތުރުން މިންޑީ ކެއިލިން އާއި އެކު ކޮމެޑީ ފިލްމެއްގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.