ތެހެރާން (އެޕްރީލް 19) - އީރާނުން ފޮނުވާލި މިސައިލް ހަމަލާއެއް އީރާނަށް އަރާފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކު ޔަގީންކޮށްދީފި އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ވެސް ބުނެފައި ވަނީ މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ އިސްފަހާންގައި އެއްޗެއް ގޮވާފައިވާ ކަމަށެެވެ. ނަމަވެސް އީރާނުގެ ރަސްމީ ބްރޯޑްކާސްޓިން އެޖެންސީން ބުނެފައި ވަނީ އިސްފަހާން އޮތީ ރައްކާތެރިކަން މަތީ ކަމަށެވެ. އީރާނުގެ ވަރަށް ގިނަ ސިޓީތަކުގައި ކުރިން ވަނީ ވައިގެ ދަތުރުތައް ހުއްޓާލައިފަ އެވެ. ނަމަވެސް ވެރިރަށް ތެހެރާން ފަދަ ސިޓީތަކުގައި ފަހުން ވަނީ ވައިގެ ދަތުރުތައް ފަށައިފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްއާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ބުނީ އިސްފަހާންގެ ނިއުކްލިއާ ސައިޓްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. އިސްފަހާންގައި އީރާނުގެ ވަރަށް ގިނަ އަސްކަރީ މަރުކަޒުތައް ވެސް ހުރެ އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުން އީރާނަށް ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން އެކަން ވަނީ އެމެރިކާ އަށް އަންގައިފަ އެވެ.

އީރާނުގެ ރަސްމީ ޓީވީން ކުރިން ބުނެފައި ވަނީ އިސްފަހާންގެ މަތިން ތިން ޑްރޯން ގޮއްވާލާފައިވާ ކަމަށެވެ.

އީރާނުން އިޒްރޭލަށް މި މަހު މިސައިލުންނާއި ޑްރޯން ހަމަލާ ދިން ފަހުން އިޒްރޭލުން ރައްދު ހަމަލާއެއް ދީފާނެތީ އީރާން އޮތީ އެލާޓުގަ އެވެ. އީރާނުން ވަނީ އިޒްރޭލަށް 300 އަށް ވުރެ ގިނަ މިސައިލް އާއި ޑްރޯން ފޮނުވާލައިފަ އެވެ. ތެހެރާނުން ބުނެފައި ވަނީ މި ހަމަލާތަކަކީ، މި މަހު 1 ވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަކަށް އިޒްރޭލުން ހަމަލާދީ 13 މީހުން މަރާލާފައިވާތީ އެކަމުގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށެވެ.