ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ބާސެލޯނާގެ ފެންވަރު ދައްކާލަން ބޭނުންވާ ކަމަށް އެ ޓީމު ކޯޗު ރޮނަލްޑް ކޫމަން ބުނެފި އެވެ.

މި މެޗަށް ނުކުންނައިރު، ބާސާ އޮތީ ނުވަނަވަސްކަމެއްގެ ތެރޭގަ އެވެ. ބާސާގެ އިންތިހާބު އަންނަ މަހު އޮތްއިރު، ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން، މެސީގެ ކުރިމަގާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ސްޕެއިން ލީގުގައި ބާސާ އޮތީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ބާސާގެ ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކޫމަން ބުނީ ބާސާ އާކީ އަދިވެސް ވަރުގަދަ ކްލަބެއް ކަމަށާއި ޔޫރަޕަގެ ބޮޑެތި ކްލަބުތަކާ ވާދަކުރެވޭނެ ކަމަށެވެ.

"ބާސާގައި މޮޅެތި ކުޅުންތެރިން އެބަތިބި. ޓީމު އޮތީ ރަނގަޅު ފޯމެއްގައި. އެހެންވީމާ ބާސާ އަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ. އެއީ އަހަރެމެންގެ ސާބިތުކޮށްދޭން ބޭނުންވާ ކަމަކީ،" ކޫމަން ބުންެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗަކީ ވަރަށް ހާއްސަ މެޗެއް ކަމަށެވެ. އަދި ޕީއެސްޖީގެ ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށެވެ. – ބީބީސީ