އަންނަ ހަފްތާގައި ޔޫއޭއީގައި ބާއްވާ ޑިފެންސް އެކްސްޕޯގައި އިޒްރޭލުން ބައިވެރިނުވާން ނިންމައިފި އެވެ.
އިޒްރޭލުން ބުނީ އެ އެކްސްޕޯގައި ބައިވެރިނުވާން ނިންމީ ކޮވިޑާ ހެދި އެ ގައުމުގައި ވައިގެ ދަތުރުފަތުރުކުރުން ހުއްޓުމަކަށް ގެނެވިފައިވާތީ ކަމަށެވެ.
އަބޫދާބީގައި މިމަހު 21-25 އަށް ބާއްވާ އައިޑެކްސް ކޮންފަރެންސްގައި އިޒްރޭލުގެ އެތައް ޑިފެންސް ފާމަކުން ބައިވެރިވުމަށް ކުރިންވަނީ ހަމަޖެހިފަ އެވެ. މިއީ ދެ ގައުމުން ދާޚިލީ ގުޅުން ގާއިމްކުރުމަށްފަހު ދެ ގައުމުން އެންމެ ފުރަތަމަ ބައިވެރިވާން ކަނޑައެޅި ޕްރޮގްރާމެވެ.
ނަމަވެސް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީއާއި ރީޖަނަލް ކޯޕަރޭޝަން މިނިސްޓްރީގެ އޮފިޝަލުންވަނީ އެ ގައުމުން އައިޑެކްސް ކޮންފަރެންސްގައި ބައިވެރިނުވާނެކަން މިހާރު އިއުލާންކޮށްފަ އެވެ. މިނިންމުން ނިންމި ސަބަބަކީ އެގައުމުގައި ކޮރޯނާގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ޖެނުއަރީ 26 އިން ފެށިގެން އެގައުމުގައި ވައިގެ ދަތުރުތައް ހުއްޓާލާފައި އޮތުންކަމަށް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ސްޕޯކްސްވުމަން ވިދާޅުވި ގޮތުގައި އެ ކޮންފަރެންސްއަށް އެކުވެރި އަރަބި އިމާރާތަށް ދިއުމަށް ދަތުރުކުރުމުގެ ހާއްސަ ހުއްދައަށް އެދުނު ކަމަށާއި ނަމަވެސް އެ ހުއްދަ ދިނުމަށް ރީޖަނަލް ކޯޕަރޭޝަން މިނިސްޓްރީގެ އޮތޮރައިޒޭޝަން ޕެނަލުން ވަނީ ދެކޮޅުހަދާފަ އެވެ.
ރީޖަނަލް ކޯޕަރޭޝަން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވިދާޅުވިގޮތުގައި އެ ހުއްދަ ނުދިނުމަށް ނިންމަން ޖެހުނީ އެ ގައުމުގެ ޑިފެންސް ވަރުގަދަކުރުމަށް ބޭނުންވިޔަަސް މިވަގުތު ހަމަހަމަކަން ގާއިމްކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ރީޖަނަލް ކޯޕަރޭޝަން މިނިސްޓާ އޮފިރް އަކޫނީ ވެސް ވަނީ ޑުބާއީގެ ގަލްފް ފޫޑް ޓްރޭޑް އެގްޒިބިޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުގައި ބައިވެރިވެވަޑައިނުގަންނަވަން ނިންމަވާފަ އެވެ.