ބޮލީވުޑްގެ ތަރި އިލިއާނާ ޑި ކްރޫޒްގެ ޒާތީ ދިރިއުޅުމުގެ ވާހަކަ އިންޑިއާގެ މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މިފަހަކާ ޖެހެންދެން މީޑިއާއާ އެކަމާ ބެހޭ ގޮތުން އިލިއާނާ ވާހަކަ ދައްކާފައެއް ނުވެ އެވެ.

އެންމެ ފަހުން މި ހިނގާ ހަފްތާ ތެރޭގައި އިލިއާނާ މިވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން އިލިއާނާ ވަނީ އޭނާ މިހާރު އުޅެނީ ކައިވެނި ކޮށްގެން ކަމަށާއި ޒަވާޖީ ހަޔާތް ވަރަށް އުފަލުގައި ވޭތުވަމުން އަންނަ ކަމަށް އިލިއާނާ ބުންޏެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އިލިއާނާ އޭނާގެ ލޯބިވެރިޔާ މައިކަލް ޑޯލަންއާ އެންގޭޖްވި ކަމަށް އަޑުތައް އެރި ނަމަވެސް އޭރު އޭނާ އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް އޭގެ ދެ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ. އެ އޮގަސްޓް މަހު އޭނާގެ ދަރިފުޅު "ކޮއާ ފީނިކްސް ޑޯލަން" ލިބުނުކަން ވެސް އޭނާ ހާމަކުރި އެވެ.

އިލިއާނާއަކީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކަކުން ފެނިފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ސައިފް އަލީ ޚާންއާއި ދީޕިކާއާއެކު ފެނުނު "ކޮކްޓެއިލް"އާއި ރަންބީރު އަދި ޕްރިޔަންކާ ލީޑު ރޯލުން ފެނުނު "ބަރްފީ" ހިމެނެ އެވެ.