ޗާގޯސް ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) ގައި އޮންނަ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތުން ދޫކޮށްނުލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންޑީ ބާންހަމް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ ޕާލިމަންޓުގެ ސުވާލާއި ޖަވާބު ސެޝަން (ޕީއެމްކިއުސް) ގައި، އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކޭމީ ބޭޑާނޮކް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބޭޑާނޮކް ސިފަކުރެއްވުމުން، އެކަމަށް ރައްދު ދެއްވަމުން ބޮޑުވަޒީރު ވިދާޅުވީ ޗާގޯސްގެ އެހެން ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް މަޝްވަރާކުރި ނަމަވެސް، ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު އެއްވެސް ހާލެއްގައި ދޫނުކުރައްވާނެ ކަމަށެވެ. އަދި އެމެރިކާއާއެކު އޮތް ގުޅުމުގެ ދަށުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާގެ ސަރުކާރުގައި މޮރިޝަސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، އިނގިރޭސި-އެމެރިކާގެ އަސްކަރީ މަރުކަޒު އޮންނަ ޑިއޭގޯ ގާސިއާ 99 އަހަރަށް އިނގިރޭސިވިލާތަށް ކުއްޔަށް ދޭންޖެހެ އެވެ. މި އިމާރާތް ކުއްޔަށް ހިފާ އަގު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އަހަރަކު 90 މިލިއަން ފައުންޑް (111 މިލިއަން ޑޮލަރު) ދައްކަންޖެހޭ ކަމަށް ދެކެވޭ ވާހަކަތައް އިނގިރޭސި ސަރުކާރުން ދޮގެއް ނުކުރެ އެވެ.

އިނގިރޭސިވިލާތުން މި ނިންމުން ތަކުރާރުކޮށްފައި މިވަނީ، ޗާގޯސްއަކީ ރާއްޖެއަށް ލިބެންޖެހޭ ތަނެއް ކަމަށް ދެކޭތީ އެކަމުގައި މަޝްވަރާކުރުމަށް ދިވެހިރާއްޖެއިން ބޮޑުވަޒީރު ބާންހަމްއަށް ސިޓީއެއް ފޮނުވައި، ދިވެހި ސަރުކާރުން އެކަމަށް ހުށަހަޅާފައިވަނިކޮށެވެ.