އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަނުމަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަން އެނގިއްޖެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމުގެ މި އަމަލުތަކުގައި އިސްކޮށް އުޅުއްވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ކަމަށްވެ އެވެ.

އެގޮތުން މުޖުތަބާ ގެންދަވަނީ އެކި ފަރާތްތައް މެދުވެރިކޮށް މުވައްޒަފުންނަށް ގުޅުއްވައި، ވެރިކަން ކުރާ ޕީއެންސީއާ ނުގުޅިއްޖެނަމަ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ އިންޒާރުދެމުން ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ކިޔައިދިނެވެ.

"ޑީއެމްޑީ މުޖުތަބާ ގެންދަވަނީ އެކި މީހުން ލައްވައި އެކި މުވައްޒަފުންނަށް ގުޅުވައި ޕީއެންސީއަށް ވަނުމަށް ބިރުދައްކަމުން. އަދި ޕީއެންސީއަށް ނުވަދެއްޖެނަމަ، ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު ވެސް އަންނަނީ ދައްކަމުން،" އޮފިޝަލް ބުންޏެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މީގެކުރިން ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ވެސް ޕީއެންސީއަށް ވަނުމަށްފަހު އެކަމުގެ ސްކްރީންޝޮޓް ފޮނުވަން އަންގާފައިވާކަން ފަޅާއަރުވާ؛ލާފަ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލަކަޔަށް އެރުވުމަށްޓަކައި ސަރުކާރުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ޕާޓީއަށް ވައްދަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.