ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ހަމަލަދީ ހިންގަމުންދާ އުދުވާން ހުއްޓުވުމަށް ދުނިޔެއަށް ނުކުޅެދިފައިވާއިރު، އެމެރިކާގެ ކިޔަވާކުދިން އަނިޔާވެރިކަމާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖެއް ކުރަމުން އެބަދެ އެވެ. ބޮޑެތި މީޑިއާތަކުން ކަވަރުކުރަން ފަސްޖެހިފައިވާ މި އިވެންޓްތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވެން ވަނީ ފަށައިފަ އެވެ.
އެމެރިކާގެ ނިއުޔޯކްގެ އެންމެ ބޮޑު އެއް ޔުނިވަސިޓީ ކަމަށްވާ އެމެރިކާގެ ކޮލޮމްބިއާ ޔުނިވާސިޓީގެ ދަރިވަރުން މި އިހުތިޖާޖު ފެށީ އިޒްރޭލަށް އެހީވާ ކުންފުނިތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ގޮވައިލަމުންނެވެ. އެ ޔުނިވަސިޓީގެ ގޯތިތެރޭގައި ޓެންޓް ޖަހައިގެން ފެށި ހަރަކާތް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގައި އެ ޔުނިވާސިޓީ އިން ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ވަނީ ހައްޔަރުކޮށްފަ އެވެ. ޔުނިވާސިޓީގެ ދަރިވަރުން ދެކޭ ގޮތުގައި ގާޒާގައި އިޒްރޭލުން ހިނގަމުންގެންދާ ނަސްލު ނައްތާލުމުގެ އުދުވާނަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެމީހުން ބުނާ ގޮތުގައި އެމީހުން އަޑު އުފުލަނީ ނާ އިންސާފާ ދެކޮޅަށެވެ.
އިޒްރޭލާ ދެކޮޅަށް ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރުން ފެށި އިހުތިޖާޖުގައި އެގައުމުގެ އެހެން ޔުނިވާސިޓީތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މީގެ ތެރޭގައި ހަވާޑް ޔުނިވާސިޓީ އާއި އެނޫނަސް އެމެރިކާގެ މައިގަނޑު ބޮޑެތި ޔުނިވާސިޓީތަކުގެ ދަރިވަރުން އަންނަނީ ބައިވެރިވަމުންނެވެ. އެ ކުދިންގެ މައިގަނޑު ޑިމާންޑަކީ އިޒްރޭލާއެކު ޔުނިވާސިޓީތަކުން ބާއްވާ ގުޅުން ކަނޑާލުމުގެ އިތުރުން އެގައުމަށް ހަތިޔާރާއި އެނޫން ގޮތްގޮތުން އެހީވާ ހުރިހާ ކުންފުނިތަކަކާ އެކު ޔުނިވާސިޓީ އިން ބާއްވާ ގުޅުން ކަނޑާލުމެވެ.
ކިޔަވާ ކުދިންގެ އިހުތިޖާޖަކީ ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ވަރަށް ނުފޫޒުގަދަ ބާރެއް ޒަމާނުއްސުރެ އަންނަނީ ބެލެވެމުންނެވެ. އެހެންކަމުން މިހަރަކާތް އިތުރަށް ފުޅާވެގެން ދިއުން ހުއްޓުވޭތޯ އެމެރިކާގެ ސަރުކާރުން އަންނަނީ އާދަޔާ ޚިލާފު މިންވަރަކަށް ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން ތަފާތު އެކި ޔުނިވާސިޓީތަކުން އެތައް ސަތޭކަ ދަރިވަރުންނެއް ވަނީ ހައްޔަރުކޮށްފަ އެވެ.
ސަލާމަތީ ބާރުތަކުގެ ބިރު ދެއްކުމުގެ ކުރިމަތީގައި ފަސްޖެހުމެއް ނެތި އެމެރިކާގެ ކިޔަވާކުދިން ކުރަމުން ގެންދާ އިހުތިޖާޖުގެ ޚަބަރުތައް ހުޅަނގުގެ ބޮޑެތި ނޫސްތަކުން ކަވަރެއް ނުކުރެ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިހުތިޖާޖްގެ ލައިވް އިވެންޓުތައް ހިއްސާ ކުރަމުން ގެންދިޔަ ކަމުގައި ވިޔަސް އެޕޯސްޓުތައް ގިނަ އިރުތަކެއް ނުވެ ބްލޮކްކޮށް، އާންމުކޮށް ނުފެންނަ ގޮތަށް ހަދަ އެވެ.
ޔުނިވާސިޓީތަކުގެ އިހުތިޖާޖުގެ ޚަބަރުތައް ހިފަހައްޓައި އެކަން ދުނިޔޭގެ ސަމާލުކަމަށް އަޔަ ނުދޭން ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރަމުން ގެންދިޔަކަމުގައި ވިޔަސް އެމެރިކާގެ ބައްރު ދޫކޮށް، އެހެން ހިސާބުތަކުގެ ކިޔަވާކުދިންނާ ހަމަޔަށް މިހަރަކާތް އަންނަނީ ފުޅާވަމުންނެވެ. އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުގައި ވެސް ގިނަ އަދަދެއްގެ ޔުނިވާސިޓީތަކަކުން ވަނީ އެމެރިކާގެ ކިޔަވާ ކުދިންނާ އެއްބައިވުމުގެ ހަރަކާތްތައް ފަށައިފަ އެވެ.
ތާރީޚަށް ބަލާއިރު ކިޔަވާ ކުދިންގެ އިހުތިޖާޖުތަކަކީ ސިޔާސީ ގޮތުން ވަރަށް ބާރުގަދަ ހަރަކާތެކެވެ. ޖަރުމަނުގައި ނާޒީންގެ ޕްރޮޕަގެންޑާއާ ދެކޮޅަށް މިއުނިކް ޔުނިވާސިޓީގެ ދަރިވަރުން 1942 ވަނަ އަހަރު ހިންގި ހިމޭން މުޒާހަރާއަކީ ނާޒީންގެ ހަރަކާތްތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ފާހަގަ ކުރެވެ އެވެ. އެ ހަރާކާތުގައި ބައިވެރިވި ދަރިވަރުން ހިފަހައްޓައި ހަރަކާތް ހުއްޓުވުމަށް އެޑޮލްފް ހިޓްލަރުގެ ނާޒީ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް، އަނިޔާވެރިކަން އިސްކޮށްފަ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްކުން ސިފަކުރާ ގޮތުގައި އެމެރިކާގެ ކިޔަވާކުދިންގެ ސުލްހަވެރި އިހުތިޖާޖާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން އަޅަމުންގެންދާ ފިޔަވަޅުތައް ހިޓްލަރުގެ ނާޒީ ބާރުތަކުން އެޅި ފިޔަވަޅުތަކަށް ވުރެ ހަރުކަށްޓެވެ.
އެމެރިކާގެ ސަރުކާރުން ކިޔަވާ ކުދިންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅިކަމުގައި ވިޔަސް އެ ދަރިވަރުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެހަރަކާތް އަންނަނީ އެއްދުވަހަށް ވުރެ އަނެއް ދުވަހަކަށް ފުޅާވަމުންނެވެ. ޔުނިވާސިޓީތަކުގެ ދަރިވަރުން ފަށައިފައިވާ އިހުތިޖާޖަކީ ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ ހަރަކާތެއް ނޫނެވެ. އެ ހަރަކާތުގައި ހުރިހާ ދީނަކާއި ނަސްލަކުން ވެސް ބައިވެރިވަމުން ގެންދާއިރު ފާހަގަވާ އެންމެ މުހިންމު ކަމަކީ ޔަހޫދީ ދަރިކޮޅުގެ ކިޔަވާ ކުދިން ވެސް ފާހަގަކޮށްލެވޭ މިންވަރަކަށް ބައިވެރިވަމުން އަންނަ ކަމެވެ. އެފަދަ ދަރިވަރުން ބުނަމުން އަންނަނީ ޔަހޫދީންގެ ނަމުގައި ހިންގާ އަނިޔާވެރި އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމުގަ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައިވާ އެމެރިކާއާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް ފަދަ ގައުމުތަކަށް އިޒްރޭލުގެ އުދުވާން ހުއްޓުވަން ފަސްޖެހިފައިވާއިރު ކިޔަވާ ކުދިން ފަށައިގެން އުޅޭ އިހުތިޖާޖަކީ މައްސަލަ ހައްލު ކުރުމަށް ލިބޭ އުންމީދެކެވެ.
ކިޔަވާ ކުދިންގެ ހަރަކާތް ފުޅާވަމުންދާއިރު އިޒްރޭލްގައި ވެސް ވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ އެއްވުންތަކެއް ބާއްވަން ފަށައިފަ އެވެ. އެހެންކަމުން އދ. އާއި ދުނިޔޭގެ ސުލަހައަށް އުފައްދާފައިވާ އެހެނިހެން ޖަމާއަތްތަކާއި ބާރު ގަދަ ގައުމުތަކަށް ހުއްޓުވަން ނުކުޅެދިފައިވާ މައްސަލަ ހައްލު ކުރުމުގައި ކިޔަވާކުދިންގެ އިހުތިޖާޖު މުހިންމު ދައުރެއް އަދާކޮށްފާނެ ކަމަށް ބެލެވެން ފަށައިފަ އެވެ.