މިދިޔަ ސަރުކާރުން ތައާރަފްކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ލިބުނު މީހުންނަށް ތިން މަސްތެރޭގައި އެ ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މި އިސްލާހު ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހު އެވެ. ބިލް ފާސްކުރީ ކޮމެޓީ މަރުހަލާގައި ގެނައި އިސްލާހުތަކާ އެކު އެވެ. އޭގެ ތެރޭގައި ބިލް ހުށަހެޅި އިރު އޮތް ގޯތި ހަވާލުކުރަން ޖެހޭ ހަ މަސް ދުވަހުގެ މުއްދަތު ވަނީ ތިން މަހަށް ކުރުކޮށްފަ އެވެ. ބިލް ފާސްކޮށްފައި ވަނީ 35 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ފާސްކުރުމާ އެއްވެސް މެންބަރަކު ދެކޮޅު ހަދައިފައެއް ނުވެ އެވެ.

ބިލުގައި ބުނެފައި ވަނީ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ނަމަ، ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ. ގާނޫނަށް އަމަލުކުރަން އޮތީ، ބިލުގައިވާ ގޮތިން ރައީސް ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. ބަދަލު ދޭން ޖެހޭ ހާލަތުގައި ހުރި ގޯތިތައް ހަވާލުކުރަން ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރެވެ.

ކުރީ ސަރުކާރުގެ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާންކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ. އެ ސްކީމުގެ ދަށުން ވަނީ ހުޅުމާލެ ތިނަކާއި ގުޅީފަޅު އަދި ގިރާވަރު ފަޅުން 9،000 ގޯތި ދޫކޮށްފަ އެވެ.

މި ސަރުކާރުން ބުނެފައި ވަނީ ގޯއްޗާ ހަވާލުނުވާ މީހުން އަދިވެސް އެބަތިބި ކަމަށާއި އެ މީހުންނަށް އިތުރު ފުރުސަތެއް މިހާރު ދީފައިވާ ކަމަށެވެ.