އިތުރު 100،000 ޑޯޒުގެ ކޮވިޑް ވެކްސިން މި ހަފުތާގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު "ހުރިހާ"އަށް ވިދާޅުވީ މިހާރު ޖަހަމުން އަންނަ އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒު މިމަހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރި މިންވަރަށް ވުރެ މާގިނައިން މިހާރު ކޮންމެ ދުވަހަކު ވެކްސިން ޖަހަމުން އެބަދޭ. މިހާރު އެވްރެޖްކޮށް ފަސްހާސް މީހުންނަށް ދުވާލަކު ޖަހަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހު ވިދާޅުވީ މިހާރު ޖަހަމުން އަންނަ ވެކްސިން ހުސްވުމުގެ ކުރިން އިތުރު ވެކްސިންތައް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަބަދުވެސް މެދުނުކެނޑި ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މިދަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ވެސް ބައެއް އަވަހަށް ގެނެވޭތޯ. އޭގެ ތެރެއިން ބައެއް ވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަ ސްޕީޑަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ އަވަހަށް މުޅި އާބާދީއަށް ވެކްސިން ޖަހައި ނިންމި ފުރަތަމަ ގައުމަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މިހާރު ވެސް ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ މަތީ ފަސް ގައުމުގެ ތެރޭގައި ރާއްޖެ އެބައޮތް. އަދި ދުވާލަކު ވެކްސިން ޖަހާ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައި،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ވުރެ އަދަދަކަށް ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ވެކްސިން ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެ އިން ވަނީ ކޮވިޝީލްޑުގެ 700،000 ޑޯޒު ގަތުމަށް ސިންގަޕޫރުގެ އެސްޓްރާޒެނެކާއާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ވެކްސިން ލިބޭނެ ދުވަހެއް ނުބުނެ އެވެ. އަދި މިހާރު ގެނެސްފައިވާ ޗައިސާ ސިނޯފާމް ވެކްސިންގެ 5،000 އަށް ހުއްދަ ދިނުމާއެކު ޖަހަން ފަށާނެ ކަމަށް ވެސް ޑރ. ޝާހު ވިދާޅުވި އެވެ.