އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓުދީފި އެވެ. މިގޮތުން ފާސްކުރި "ވޯ ޕަވާސް ރިޒޮލިއުޝަން" ގެ ދަށުން، ކޮންގްރެސްގެ ހުއްދަ ނެތި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ބާރު ހަނިކުރެވޭނެ އެވެ.
އަންގާރަ ދުވަހުގެ ރޭ ނެގި މި ވޯޓު 220-204 އިން ފާސްވެފައިވާއިރު، މިއީ މިދިޔަ ހޫނު މޫސުމުގައި ކުރެވުނު މަސައްކަތްތަކާ އެއްގޮތް ނަތީޖާއެކެވެ. ނަމަވެސް މިފަހަރު ހުރިހާ ޑިމޮކްރެޓުންނާއެކު ރިޕަބްލިކަން ޕާޓީގެ އިތުރު މެންބަރުންތަކެއް ވަނީ ހަނގުރާމަ ހުއްޓާލުމަށް ވޯޓު ދެއްވާފަ އެވެ. ރިޕަބްލިކަން ހަތް މެންބަރަކު މި ގަރާރަށް ތާއީދުކުރެއްވިއިރު، އޭގެ ތެރެއިން ތިން މެންބަރަކީ އަލަށް މިފަދަ ނިންމުމަކަށް ތާއީދުކުރެއްވި ބޭފުޅުންނެވެ.
އައީވޯގެ ރިޕަބްލިކަން މެންބަރު ޒެކް ނަން، އޭނާގެ ވޯޓާ ގުޅޭގޮތުން ވިދާޅުވީ، މަޝްވަރާގެ ދޮރުތައް ބަންދުވެފައިވާއިރު، މެދުނުކެނޑި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިހާރު ކޮންގްރެސްގެ ހުއްދަ ބޭނުންވާ ކަމަށެވެ. އަދި ނިމުމެއް ނެތް ހަނގުރާމައަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިހާތަނަށް ފާސްކުރި އެއްވެސް ގަރާރެއް ރައީސްގެ މޭޒާ ހަމައަށް ފޯރާފައެއް ނުވެ އެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ، ރައީސް ޓްރަމްޕް އެ ނިންމުން ވީޓޯ ކުރައްވާނެކަން ގާތްގަނޑަކަށް ކަށަވަރެވެ.
ފްލޮރިޑާގެ ރިޕަބްލިކަން މެންބަރު އަދި ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު ބްރަޔަން މާސްޓް ވަނީ، އީރާނުގެ ނުރައްކާ އޮތް ސަރަހައްދަކުން ޑިމޮކްރެޓުން ބޭނުންވަނީ ކޮން އަސްކަރީ ވަސީލަތްތަކެއް ބޭރުކުރަންތޯ ސުވާލު އުފައްދަވާފަ އެވެ. މާސްޓް ވިދާޅުވި ގޮތުގައި ޓްރަމްޕް ދެކޮޅީ އަބަދަށް ދެމިގެންދާ ހަނގުރާމަ ތަކާ ކަމަށާއި، ރައީސް ނިމުމަކަށް ގެންނަވަނީ އީރާނުން ކުރިމަތިކުރަމުންދާ އެތައް އަހަރެއްވީ ދެކޮޅުވެރިކަން ކަމަށެވެ. އީރާނަކީ އެމެރިކާއަށް އޮތް މެދުނުކެނޑޭ ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މިޑްޓާމް އިންތިހާބުގެ ކުރިއަށް
މިއީ މިޑްޓާމް އިންތިހާބުގެ ކުރިން އީރާނު ހަނގުރާމައާ ގުޅޭގޮތުން ހައުސްގައި ނެގޭނެ ފަހު ވޯޓު ކަމަށް ބެލެވެ އެވެ. ސިޔާސީ ކެމްޕޭންތަކުގައި މި ހަނގުރާމަ މުހިންމު ދައުރެއް އަދާކުރަމުންދާއިރު، ފެބްރުއަރީ 28 ގައި ޓްރަމްޕް ފެއްޓެވި މި ހަނގުރާމަ ދިގުލައިގޮސް، މިވީ ހަތް މަސްދުވަހުގެ ތެރޭގައި ދެފަރާތުގެ މެދުގައި ބަދަލުކުރެވޭ ވަރުގަދަ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ. ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުން މަސައްކަތް ކުރަމުންދާއިރު، އިންތިހާބަށް 50 ދުވަހަށްވުރެ ކުޑަތަންވެފައި އޮތުމުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މި ހަފުތާ ނިމުމާއެކު ކެމްޕޭނަށް އެނބުރި ވަޑައިގަންނަވާނެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމަ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލި، ގައުމުގެ ހަތިޔާރުގެ ރިޒާވް މަދުވަމުންދާ ކަމަށް ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) ގެ ރިޕޯޓަކުން ދައްކަ އެވެ. އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހަ މަސްދުވަހުގެ ހަނގުރާމައިގެ ހަރަދު 38 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކޮންމެ މަހަކު އިތުރު 3 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އަދި 2027 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގުތައް 0.5 އިންސައްތަ އިތުރަށް އުފުލުމަށް މި ހަނގުރާމަ މަގުފަހިކުރާނެ ކަމަށް ލަފާކުރެވެ އެވެ.
ރައީސް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިއިރު، ބޭރުގެ ހަނގުރާމަތަކުގައި އެމެރިކާ ބައިވެރިނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވީ ނަމަވެސް، އީރާނާ ދެކޮޅަށް އޭނާ އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކޮންގްރެސްގެ ކޮންޓްރޯލް އޮތް ރިޕަބްލިކަން ޕާޓީއަށް ވަނީ ފިއްތުންތައް ކުރިމަތިވެފަ އެވެ. ޖުލައި މަހު ނެގި ޕޯލްއަކުން ދައްކާގޮތުގައި ގިނަ އެމެރިކާ ރައްޔިތުން ގަބޫލުކުރަނީ އީރާނު ހަނގުރާމައަކީ ކުރަން ފެންނަ ހަނގުރާމައެއް ނޫން ކަމަށެވެ.
ކުރީގެ ގަރާރުތައް
ހަނގުރާމައިގެ މިސްރާބު ބަދަލުކުރުމަށް ކޮންގްރެސްއިން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ރައީސްގެ ވީޓޯ ކުރުމުގެ ބާރު އޮތްހާ ހިނދަކު، މިފަދަ ފިޔަވަޅުތަކުން ނަތީޖާއެއް ނެރުމަކީ ދަތި ކަމެކެވެ. ހައުސްއިން ޖޫން މަހާއި ޖުލައި މަހުވެސް މިފަދަ ގަރާރުތައް ފާސްކޮށްފައިވެ އެވެ. ސެނެޓުންވެސް 10 ވަނަ ފަހަރަށް ކުރި މަސައްކަތުން ހަނގުރާމަ ހުއްޓާލުމަށް ފާސްކުރި ނަމަވެސް، ރައީސް ޓްރަމްޕްގެ ނުރުހުން އަމާޒުވުމާއެކު ރިޕަބްލިކަން ސެނެޓަރުން ވަނީ ޖެހިގެން އައި ދުވަހު އެ ނިންމުން ބަދަލުކޮށްފަ އެވެ.
ގައުމީ ގާނޫނުއަސާސީން ހަނގުރާމަ އިއުލާންކުރުމުގެ ބާރު ކޮންގްރެސްއަށް ދީފައިވީ ނަމަވެސް، ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ. ވިއެޓްނާމް ހަނގުރާމައަށްފަހު އުފެއްދި "ވޯ ޕަވާސް އެކްޓް" ގެ މަގްސަދަކީ ރައީސަށް ލިބިދޭ މި ބާރު ވަކި މުއްދަތަކަށް ހަނިކުރުމެވެ. އެގޮތުން 60 ނުވަތަ 90 ދުވަހަށްވުރެ ދިގުލައިގެންދާ އަސްކަރީ ހަރަކާތްތަކަށް ކޮންގްރެސްގެ ހުއްދަ ހޯދުން ލާޒިމުވެ އެވެ.
އެމެރިކާއިން އީރާނުގެ ދެ ބޯޓަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
ޖީއެސްޓީ އިސްލާހާ މެދު ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ނުރުހުން!
