މުސްލިމުންގެ އެންމެ މާތް އަދި މުގައްދަސް ބިން ކަމުގައިވާ މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ، ރައީސް މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރައްވައިފި އެވެ.
ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މުގައްދަސް ބިމުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލޭ ފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބުނު ފުން ހިތާމައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ އަހުވަންތަ ސައުދީ އަރަބިއްޔާއާ އެކުގައި ކަމަށެވެ. އަދި މައްކާގެ ރައްކާތެރިކަން ދަމަހައްޓައި، އެ ވަގުތު އެ ރަށުގައި ތިބި އުމްރާވެރިންނާއި އާންމު ރައްޔިތުން ހިމާޔަތްކުރުމަށް ސައުދީ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ދެއްކި އަވަސް އަދި ހުށިޔާރު މަސައްކަތަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފަ އެވެ. ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިފަދަ ނުރައްކާތެރި ހަމަލާތައް ވަގުތުން ހުއްޓާލައި، މަޝްވަރާއާއި ސުލްހައިގެ މަގު އިހުތިޔާރުކުރުމަށް ހުރިހާ ފަރާތްތަކަކަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ހޫތީން ފޮނުވާލި ޑްރޯން ވައްޓާލާފައިވަނީ ރޭގެ އިރުއޮއްސި 6:50 ހާއިރު މައްކާގެ ދެކުނު ސަރަހައްދުންނެވެ. މި ޑްރޯން ވައިގެ ތެރޭގައި ގޮއްވާލާފައިވަނީ މައްކާގެ މަނާ ސަރަހައްދުގެ ވައިގެ ތެރެއަށް ވަނުމުގެ ކުރިންނެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހު މައްކާއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލަށް ފަހު، އެ ސަހަރަށް ހަމަލާދޭން އެ ޖަމާއަތުން މަސައްކަތްކުރި ދެވަނަ ފަހަރެވެ. އަދި މުސްލިމުންގެ ދެ ހަރަމްފުޅާއި އުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެއްވެސް ފަރާތަކަށް ހުރަސްކުރެވިގެންވާނެ "ރަތް ރޮނގެއް" ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ހޫތީންގެ އޮފިޝަލުން ވަނީ މައްކާއަށް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހޫތީން ވަނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަކޮށްފައެވެ. އޭގެ ތެރޭގައި ހޯމަ ދުވަހު ސައުދީގެ ވައިގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 13 މީހަކު ޒަހަމްވެފައިވާ ކަމަށް ކޯލިޝަނުން ރިޕޯޓުކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ މައްކާއާއި ޖިއްދާ ފަދަ މުހިންމު ސިޓީތަކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ވަގުތީ ގޮތުން އެލާޓް ނެރެފަ އެވެ.
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
ބައްޕައަށް އިހުމާލުވި ދަރިންގެ މައްސަލަ ހުށަހެޅިތޯ ބަލަނީ
ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި