ވޭލްސްގެ ރައްޔިތެއް ކަމަށްވާ މެރިލީން ބިރްޗްއަށް އޭނާގެ ކައިވެނީގެ އަނގޮޓި ގެއްލުނީ 1970 ވަނަ އަހަރު އޭނާގެ އާއިލާއިން ގެންރުޅޭ ޖަނަވާރުތަކަކަށް ކާންދިނުމުގެ ތެރޭގަ އެވެ.

އަނގޮޓި ހޯދަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެ މަސައްކަތްތައް ނާކާމިޔާބު ވުމުން އަނގޮޓި ފެނިދާނެ ކަމުގެ އުއްމީދު މެރިލީން ދޫކޮށްލި އެވެ.

އެހެން ނަމަވެސް ބިމުއަޑީގެ ޚަޒާނާތައް ހޯދުމުގެ މާހިރެއް ކަމުގައިވާ ކެއިތު ފިލިޕްސް ވަނީ މެރިލީންގެ އާއިލީ ދަނޑުގެ ތެރެއިން އަގުހުރި އެތައް އެއްޗެއް ހޯދާފަ އެވެ.

އެ ތަކެތީގެ ތެރެއިން އެކައްޗަކީ ގެއްލުނުތާ 54 އަހަރު ވެފައިވާ މެރިލީންގެ ކައިވެނި އަނގޮޓި އެވެ. ހަބަރުތައް ބުނާ ގޮތުގައި އެ އަނގޮޓި އޮތީ ބިމަށްވުރެ 8 އިންޗި އަޑީގައި ވަޅުލެވިފަ އެވެ.

މިހާރު އުމުރުން 76 އަހަރުގެ މެރިލީން ބުނީ އޭނާއަށް އެ އަނގޮޓިއަކީ އޭނާއަށް ވަރަށް ހާއްސަ އަނގޮޓިއެއް ކަމަށާއި އެހާ ދުވަސް ފަހުން އަނގޮޓި ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އހުސާސްތަކެއް ކުރެވުނު ކަމަށެވެ.

މެރިލީންގެ ފިރިމީހާއަށް މި ޖެނުއަރީ މަހު 80 އަހަރު ފުރުނުއިރު އެދެމީހުންގެ ކައިވެންޏަށް މިހާރު 60 ކަށް އަހަރު ވެދާނެ އެވެ.