ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ގައުމުގެ ތަރައްގީ 15 އަހަރު ފަހަތަށް ސޮއްސާލި ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފްތާގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، 2020 ވަނަ އަހަރު ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދި ތަރައްގީގެ މުހިންމު ކުރިއެރުންތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފަ އެވެ.
ކުދި ޖަޒީރާ ގައުމުތައް ނުވަތަ "ސިޑްސް" ގެ ގައުމުތަކަށް ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ލިބުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވެކްސިނާއި، ފަރުވާއަށް ބޭނުންވާ ބޭހާއި، ބަލި ދެނެގަންނަ ޓެސްޓު ކިޓު ފަދަ ވަސީލަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ބަލިތައް ދެނެގަނެ މޮނިޓާކުރާ ލެބޯޓްރީ ނެޓްވޯކްތައް ވަރުގަދަކުރުމަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިރުތިޝާމް ސިފަކުރެއްވި އެވެ.
އަދި ކުރިމަގުގައި އަތުވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުކުރުމާއި، ސިއްހީ ނިޒާމުތައް ގުޅިލާމެހިފައި އޮތުމާއި، ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަންކަން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މި ބައްދަލުވުމަކީ އދ. ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/333 ގެ ދަށުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މީގެ މައިގަނޑު މަގުސަދަކީ، ބަލިމަޑުކަމުން ރައްކާތެރިވުމާއި އިޖާބަދިނުމާ ގުޅޭގޮތުން 2023 ވަނަ އަހަރު އެކުލަވާލި "ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް" ތަންފީޒުވަމުންދާ މިންވަރު ބަލައި ވަޒަންކުރުމެވެ.
މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ދުނިޔޭގެ ފެންވަރުގައި މި ދާއިރާއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަން ދެނެގަތުމަށާއި، ހުރި ހުރަސްތަކާއި ގޮންޖެހުންތައް ހައްލުކޮށް، ކުރިމަގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެފަދަ ބަލިމަޑުކަމަކާވެސް ކުރިމަތިލެވޭނެ ފަދަ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމުގެ މައްޗަށެވެ.
މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް ބަންދުކޮށްފި
އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް
ބޮމުގެ އިންޒާރުތަކާއެކު ޔޫރަޕްގެ 25 ފްލައިޓަކަށް ހުރަސްއެޅިއްޖެ