ޓީވީ ޑްރާމާތަކުގައި މަޝްހޫރުކަން ހޯދި ބަތަލާ އަންކިތާ ލޮކާންޑޭ "ބިގްބޮސް 17" އަށް ފަހު ގިނަ ހުށައެޅުންތަކެއް އަންނަނީ ލިބެމުންނެވެ.
އެގޮތުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރުގެ ވެބް ސީރީޒަކުން އަންކިތާއަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ 2012 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ސްޓޫޑެންޓް އޮފް ދި އިޔާ ގެ ތިން ވަނަ ބައެވެ. މިފަހަރު ފިލްމުގެ ބަދަލުގައި "ސްޓޫޑެންޓް އޮފް ދި އިޔާ 3" އުފައްދަނީ ވެބް ސީރީޒެއްގެ ގޮތުގަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންގެ މިހުށައެޅުމަށް އަންކިތާ ވަނީ ނޫނެކޭ ބުނެފަ އެވެ. ނަމަވެސް އެ ހުށަހެޅުން އޭނާ ގަބޫލުނުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ.
ފުރަތަމަ ސްޓޫޑެންޓް އޮފް ދި އިޔާ ފިލްމު 2012 ވަނަ އަހަރު ރިލީޒްކުރިއިރު، މި ފިލްމަކީ މި އިންޑަސްޓްރީއަށް އަލަށް އައި ތިން ތަރިން ކަމަށްވާ އާލިއާ ބަޓް، ސިދާތު މަލްހޯތުރާ، އަދި ވަރުން ދަވާން ލޯންޗުކުރި ފިލްމެކެވެ. ފްރެންޗައިޒްގެ ދެވަނަ ފިލްމް 2019 ވަނަ އަހަރު ރިލީޒް ކުރީ ޓައިގާ ޝްރޮފް، އަނަންޔާ ޕަންޑޭ އަދި ތާރާ ސުތާރިއާ ލީޑް ރޯލުން ފެނިގެންނެވެ.
"އަމްރަޕާލީ" ކިޔާ ވެބް ސީރީޒަކަށް މިދިޔަ މަހު އަންކިތާ ސޮއިކޮށްފައިވާ އިރު، އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެކްޓަރު ރަންދީޕް ހޫޑާ ކުޅެ، ޑައިރެކްޓްކޮށް މާޗް މަހު ގެނެސްދިން ފިލްމު "ސްވަންތަރިއާ ވީރު ސަވަރްކަރް" އިންނެވެ. އަންކިތާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާގީ 3" ހިމެނެ އެވެ.
"ސްޓޫޑެންޑް އޮފް ދި އިޔާ 3" ހަދަން ނިންމާފައި ވަނީ ލީޑް ބަތަލާއަކަށް އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ލައިގެންނެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާއާ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒްގެ ޑައިރެކްޓަރަކީ "ނޮކްޓާނަލް ބާގާ" ގެނެސްދިން ރީމާ މާޔާ އެވެ.